Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

އެމްޑީޕީގެ މެމްބަރަކަށް ވުމުން އިކްރާމްގެ މައްސަލަ އޮއްބާނުލާތި: އިދިކޮޅު

ދިއްގަރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިކްރާމް ހަސަން - ފޮޓޯ: މަޖިލިސް

ކޮވިޑް-19 ގެ ސާމްޕަލް ނެގުމުގައި ހަރަކާތްތެރިވި ފަރާތަކަށް ދިއްގަރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިކްރާމް ހަސަން ހަމަލާދިން ކަމަށް ބުނާ މައްސަލަ އޮއްބާނުލައި ބެލުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީން ގޮވާލައިފިއެވެ.

އިދިކޮޅުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މަޖިލީހުގެ މެމްބަރުންނަކީ އެހެން މީހުންނަށް ނަމޫނާ ދައްކަންޖެހޭ ފަރާތްތަކެއް ކަމަށްވީއިރު، އިކްރާމްގެ ފަރާތުން ފެނިގެންދިޔައީ ވަރަށް ދަށުދަރަޖައިގެ އަމަލެއް ކަމަށެވެ. އަދި އަންހެނަކަށް ހަމަލާދީ ހަޑި ހުތުރު ބަހުން މުއާމަލާތު ކުރުމަކީ އަންހެނުން ބާރުވެރިކުރުމާއި، އަންހެނުންނަށް ރައްކާތެރިކަން ދިނުމަށް ރާއްޖޭގައި ހެދިފައިވާ ގާނޫނުތަކާއި ވެސް ހިލާފު ކަމެއް ކަމަށް އިދިކޮޅުން ބުނެއެވެ.

ކޮވިޑާއި ގުޅިގެން ފްރަންޓްލައިނުގައި މަސައްކަތް ކުރާ ފަރާތްތަކުން ކުރަމުންދަނީ ގައުމީ މަސައްކަތެއް ކަމަށާއި މަޖިލީހުގެ މެމްބަރަކަށް ވުމަކީ އެ ފަރާތްތަކާ މެދު ދަށު ދަރަޖައިގެ އަމަލު ހިންގުމަށް އިމްތިޔާޒު ލިބޭ ކަމެއް ނޫން ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

އަދި ރޭ އަނިޔާ ލިބުނު ފަރާތުން އެކަން ފުލުހުންނަށް ހުށަހަޅާފައިވުމުން މި މައްސަލަ އިންސާފުވެރިކަމާއެކު ބަލައި، ގާނޫނުގައިވާ ގޮތުގެ މަތީން ފިޔަވަޅު އެޅުމަށް ވެސް ވަނީ ގޮވާލާފައެވެ.

މީގެއިތުރުން އެމްޑީޕީގެ އިސް ފަރާތްތަކުގެ މައްސަލަތައް މީގެކުރިން އޮއްބާލި ގޮތަށް މި މައްސަލަ ވެސް އެމްޑީޕީގެ މެމްބަރަކަށް ވުމުން އޮއްބާނުލައި އަންހެނުންގެ ހައްގުތަކާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އިދިކޮޅުން ވަނީ ސަރުކާރަށް ގޮވާލާފައެވެ. އަދި ފްރަންޓްލައިނުގައި މަސައްކަތްކުރާ ފަރާތްތަކަށް ރައްކާތެރިކަން ކަށަވަރުކޮށްދޭން ވެސް ވަނީ ގޮވާލާފައެވެ.