Last Updated: April 24, 23:11
Wednesday, April 24, 2024
ޚަބަރު

މިއީ ވެރިކަމުގެ ނިޒާމު ބަދަލު ކުރަންވީ ވަގުތެއް ނޫން: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު - ފޮޓޯ: މަޖިލިސް

މިއީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ބަހުސް ކުރަންވީ ވަގުތު ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރަައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ގާނޫނު އަސާސީ އަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހުށަހަޅާފައިވާ އިސްލާހާއި ގުޅިގެންނެވެ.

އެކަމާ ގުޅިގެން ނަޝީދު ވިދާޅުވީ ވެރިކަމުގެ ނިޒާމަށް ބަދަލު ގެނައުމަކީ އެމަނިކުފާނު އަބަދުވެސް ދައްކާ ވާހަކައެއް ކަމަށާއި އެހެން ނަމަވެސް ޖާބިރު ހުށަހަޅާފައި ވަނީ އެބާވަތުގެ ބަދަލެއް ނޫން ކަމަށެވެ. އަދި މިއީ އެފަދަކަމަކަށް ބަހުސް ހިންގަންވީ ވަގުތެއް ނޫން ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

"ކާށިދޫ ދާއިރާގެ މެމްބަރު ހުށަހަޅުއްވާފައިވަނީ ކުޑަކޮށްވެސް އެ ބާވަތުގެ އިސްލާހެއްވެސް ނޫން. އަދި އެމަގަށް ދިއުމަށް ބަހުސެއް ފަށަންވީ ވަގުތު ކަމަކަށްވެސް އަޅުގަނޑު ނުދެކެން މިވަގުތަކީ" ނަޝީދު ވިދާޅުވިއެވެ.

އަދި މަޖިލީހުގެ ގަވައިދު އޮންނަ ގޮތުން އެ ބިލު ވެސް އެޖެންޑާ ކުރަންޖެހޭ ކަމަށާއި އެ ބިލާ ގުޅޭގޮތުން ގޮތެއް ނިންމަވާނީ މެންބަރުން ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

ޖާބިރު ހުށަހެޅުއްވި ގާނޫނު އަސާސީ އަށް އިސްލާހު ގެނައުމުގެ ބިލުގައި ބުނީ ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ނެގި ފެންނަ ނުފެންނަ ވޯޓުގައި ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމެއް ކަމަށް ކަނޑައެޅިފައިވީ ނަމަވެސް ގާނޫނު އަސާސީގެ އެއްވެސް ހިސާބެއްގައި ވެރިކަންކުރާ ނިޒާމަކީ ރިޔާސީ ނިޒާމު ކަމަށް ކަނޑައަޅައި ބަޔާންކޮށްފައި ނުވާ ކަމަށެވެ.

އަދި މިހާރު އަމަލުކުރަމުންދާ ގާނޫނު އަސާސީ ތަސްދީގު ކުރެވުނު ފަހުން ބޭއްވުނު ރިޔާސީ އިންތިހާބުތަކުގެ މައްޗަށާއި، ރާއްޖޭގައި ވެރިކަން ހިންގަމުން އަންނަ ގޮތަށް ބަލައި ވިސްނާލާއިރު، ރާއްޖޭގައި ވެރިކަން ހިންގަމުން އަންނަނީ ބަރުލަމާނީ ނިޒާމުގެ ސިފަތަކުގެ މައްޗަށް ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.

ރާއްޖޭގައި ހިންގަމުން އަންނަ ވެރިކަމަކީ ރިޔާސީ ނިޒާމެއްގެ ފުރިހަމަ ސިފައިގައި ހިންގަމުން އަންނަ ވެރިކަމަކަށް ނުވާތީ އެކަމުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ލިބިގެންދާ ގެއްލުމާއި ނިކަމެތިކަން ދުވަހުން ދުވަހަށް ބޮޑުވަމުން އަންނައިރު ރައްޔިތުންނަށް ލިބޭ ގެއްލުމުން ސަލާމަތްވާނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުވެގެން ދިޔުމުން ކަމަށް ގަބޫލުކުރެވޭ ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.

ޖާބިރު މިފަދަ އިސްލާހެއް ހުށަހެޅުއްވިއިރު ގާނޫނު އަސާސީގެ 261 ވަނަ މާއްދާގައި ބުނާގޮތުން ގާނޫނު އަސާސީ އިސްލާހު ކުރެވޭނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ހަތަރުބައިކުޅަ ތިންބައިގެ އަގުލަބިއްޔަތުންނެވެ. 66 މެމްބަރުންގެ ވޯޓެވެ.