Last Updated: April 25, 20:04
Thursday, April 25, 2024
ޚަބަރު

ޖަލަށްލުމަކީ ލިބޭނެ ފަހުރެއް: އަދުރޭ

މި ސަރުކާރުން ޖަލަށްލުމަކީ ލިބޭނެ ފަހުރެއް ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

މިއަދު ހަވީރު އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަމުން އަދުރޭ ވިދާޅުވީ ޖަލުގައި އަނދަގޮނޑި ޖަހާފާނެތީ ބިރު ނުގަންނަ ކަމަށާއި ބިރު ގަންނަނީ މި ގައުމުން އިސްލާމްދީން ފޮހެވިގެން ހިނގައިދާނެތީ ކަމަށެވެ.

"މި ސަރުކާރުން ޖަލަށްލުމަކީ ލިބޭނެ ފަހުރެއް. އާދޭސްކޮށްފައި މި ދަންނަވަނީ ޖަލަށްލާށޭ، އަޅުގަނޑަށް ލިބޭ ފަހުރެކޭ އެއީ. އެއީ އިސްލާމްދީނާ މިހާ ދެކޮޅު ސަރުކާރަކުން، ރާއްޖޭގެ މިނިވަންކަމާ މިހާ ދެކޮޅު ސަރުކާރަކާ ދެކޮޅަށް އަޑުއުފުލާތީ ޖަލަށްލުމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޖިހާދެއް" އަދުރޭ ވިދާޅުވިއެވެ.

ޖަލަށްލީ ނަމަވެސް މި ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރާނެ ކަމަށާއި، 2008 ވަނަ އަހަރު އޮތް އެމްޑީޕީ ސަރުކާރަށް ވުރެ މި ސަރުކާރުގެ އަނިޔާވެރިކަން ހައްދުފަހަނައަޅައި ގޮސްފައިވާ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

އެގޮތުން މި ސަރުކާރާ ދެކޮޅަށް ނިކުންނާނީ އޭރު އޮތް އެމްޑީޕީ ސަރުކާރާ ދެކޮޅަށް ނިކުތް ވަރަށް ވުރެ މާ ވަރުގަދަކޮށް ކަމަށާއި މަޖިލީހުގައި އެމްޑީޕީގެ 65 މެމްބަރުން ތިބި ނަމަވެސް ރައްޔިތުން ފަހަށް ޖެހޭނެ ކަމަށް ހީނުކުރެއްވުމަށް ވެސް އަދުރޭ ވަނީ ގޮވާލާފައެވެ. ނަމަވެސް މިއީ އެއްވެސް ހާލައްގައި ސަރުކާރު ވައްޓާލާ ވާހަކަ ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"މި ސަރުކާރު ހަމަ މަގަށް އަޅުވަންވީ. ދަންނަވާކަށް ނެތިން ސަރުކާރު ވައްޓާލާ ވާހަކައެއް. ހަމަ މަގަށް އަޅުވާއިރު، އެ މަގުން ކައްސާލުން އެއީ އަޅުގަނޑުމެން ކުރާނެ ކަމެއް ނޫން. އޭރުން ދެން އޮންނާނީ ވެއްޓިފައި. އެއީ އަޅުގަނޑުމެން ސަރުކާރު ވައްޓާލީކީއެއް ނޫން" އަދުރޭ ވިދާޅުވިއެވެ.