Last Updated: April 19, 13:47
Friday, April 19, 2024
ޚަބަރު

ނަޝީދު މިހާރު ދައްކަވަނީ ބުއްދި ހަމަނުޖެހޭ ވާހަކަ: ޖަމީލު

ކުރީގެ ނައިބު ރައީސް ޖަމީލް - ފޮޓޯ: ޕީއެސްއެމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު މިހާރު ދައްކަވަނީ ބުއްދި ހަމަނުޖެހޭ ވާހަކަތަކެއް ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު ވިދާޅުވެއްޖެއެވެ.

ޖަމީލު މިހެން ވިދާޅުވީ އެމަނިކުފާނު ޖުޑީޝަލް ސާވިސް ކޮމިޝަނުގައި (ޖޭއެސްސީ) އިންނަވަން ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް އެދިވަޑައިގަންނަވާނެ ކަމަށް ނަޝީދު މިއަދު ވިދާޅުވުމާ ގުޅިގެންނެވެ.

ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި އެންމެ އިސްކޮށް ހުންނެވި ޖަމީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނަޝީދު މިހާރު ދައްކަވަނީ ބުއްދި ހަމަނުޖެހޭ ވާހަކަ ކަމަށާއި ޔާމީނަށް ކްރިމިނަލް ކޯޓުގައި އިންސާފު ނުލިބުމުގެ އެންމެ ބޮޑު ސަބަބަކީ ނަޝީދާއި ސަރުކާރުގެ ނުފޫޒު އޮތް ޖޭއެސްސީ އޮތުން ކަމަށް ޔާމީން ދެކެވަޑައިގަންނަވާ ކަމަށެވެ.

"ޖޭއެސްސީން ވަނީ ފާޅުގައި ޔާމީންގެ ޝަކުވާތަކަށް ހުރަސް އަޅާފައި. ނަޝީދު ބޭނުންވަނީ ޑިފެކްޓޯ އުއްތަމަ ފަނޑިޔާރަށް ވާންތޯ؟" ޖަމީލު ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާގައި ޖޭއެސްސީން ނަޝީދު އިސްތިއުފާ ދެއްވަން އިދިކޮޅު މެމްބަރުން ގޮވާލިއިރު، އެކަމާ ގުޅިގެން ނަޝީދު ވިދާޅުވީ ޔާމީން އެންމެ ބޮޑަށް އެދިވަޑައިގަންނަވާނެ އެއް ކަމަކީ އެމަނިކުފާނު މިވަގުތު ޖޭއެސްސީގައި އިންނެވުން ކަމަށާއި ރާއްޖޭގައި އިންސާފުވެރިކަމާއެކީގައި ޝަރީއަތް ހިންގޭ ގޮތް ނުވެއްޖެނަމަ ކުރީގެ ވެރީންނަށް ލިބޭނެ އަނިޔާ އާއި ގެއްލުން އިންތިހާވާނެ ކަމަށެވެ.

"އަޅުގަނޑު މިއީ އިންސާފު ނެތަތީ، އެކަން ވަރަށް ގާތުން ސީދާ ތަޖުރިބާކޮށްފައި ހުރި މީހެއް. އެންމެފަހަރަކު ދެފަހަރަކު ނޫން" ނަޝީދު ވިދާޅުވިއެވެ.

އަދި ކުރީގެ ވެރީންގެ ވެރިކަމުގައި ކޮށްފައިވާ ގޯސް ކަންތައްތަކަށް، އެ ވެރީންނަށް އަދަބު ލިބުމަށް ދިވެހިން އަބަދުވެސް އެދޭނެ ކަމަށާއި އެއީ އަބަދުވެސް ކުރަން ޖެހޭ، އަދި އެކަމުގެ އިންތިޒާމު ވެސް އަބަދުވެސް ހަމަޖައްސާފައި ބާއްވަން ޖެހޭ ކަމެއް ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑު ޔަގީންކަން އަރުވަން ގާނޫނީ އަސާސީ މިހާރު އެ އޮތް ގޮތަށް އޮތްހާ ހިނދު، މި މަޖިލީހުގެ ރައީސްގެ ގޮތުގައި އަޅުގަނޑު ޖޭއެސްސީގައި އިށީނދެ އިނދެ ކުރާ މަސައްކަތް ކުރާނީ އިންސާފުވެރިކަމާއި އަދުލުވެރިކަމާ، އިހުލާސްތެރިކަމާއި، މަދަދުވެރިކަމާ އެކީގައި. އަދި އަނިޔާވެރިކަން ކުޑަކޮށް ވެސް އިސްނުކޮށް" ނަޝީދު ވިދާޅުވިއެވެ.