Last Updated: April 25, 06:02
Thursday, April 25, 2024
ޚަބަރު

އިންޑިއާ އިން ބޭނުންވަނީ ޔާމީން ސިޔާސީ މައިދާނުން ގެއްލުވާލަން

އަވަށްޓެރި އިންޑިއާ އިން ބޭނުންވަނީ ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ރާއްޖޭގެ ސިޔާސީ މައިދާނުން ގެއްލުވާލަން ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

މިއަދު ހަވީރު ޕީޕީއެމުން ލޯޔަލްޓީ ކާޑު އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުން އަދުރޭ ވިދާޅުވީ ޕީޕީއެމްގެ ވެރިކަމެއްގައި ޔާމީނަށް މި ސަރުކާރުން ދެމުންދާ އަނިޔާ ބަލާ މިކަމުގައި ޝާމިލުވާ މީހުން އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށާއި އެގޮތުން އިންޑިއާގެ އެހީއާއެކު ޔާމީނަށް އަނިޔާ ދެމުންދަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ގުޅިގެން ކަމަށެވެ.

"މިއީ އިންޑިއާ އިން ބޭނުންވެގެން ކުރާ ކަމެއް. އިންޑިއާ އިން ބޭނުންވަނީ ރައީސް ޔާމީން މި ރާއްޖޭގެ ސިޔާސީ މައިދާނުން ގެއްލުވާލަން" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ އިންޑިއާ އިން މިކަން ކުރަން ބޭނުންވަނީ ޔާމީންގެ ޒައާމަތުގައި އިންޑިއާ އަށް ބޭނުންހާ ގޮތެއް ރާއްޖެ އަށް ނުހެދޭނެތީ އާއި އިންޑިއާގެ އަޅުވެތި ކަމަށް ރާއްޖެ ދާން ފުރުސަތު ނުދޭނެތީ ކަމަށެވެ.

"އެމީހުންނަށް ސަލާންޖަހާ ގައުމެއްގެ ގޮތުގައި މި ގައުމު ނުބާއްވާނެތީ. އެމީހުން ދިން އިރަކުން، ދިން އެއްޗެއް ކައިގެން، ދިން އިރަކުން ދިން އެއްޗެއް ހޯދައިގެން ރާއްޖެ ތަރައްގީ ކުރަން ރައިީސް ޔާމީން މަޑުނުކުރައްވާނެތީ. އެމަނިކުފާނުގެ ތަރައްގީގެ ތަސައްވުރު ފުރިހަމަ ކުރުމަށްޓަކާ ދުނިޔޭގެ އެކި ގައުމުތަކުން އެހީތެރިކަން ހޯއްދަވާނެތީ" ސަބަބުތައް ސާފުކޮށްދެމުން އަދުރޭ ވިދާޅުވިއެވެ.

އަދި ހުޅަނގުން އެހީ ނުލިބިއްޖެނަމަ އިރުމަތީގެ ގައުމުތަކުން އެހީ ހޯދައިގެން ނަމަވެސް ތަރައްގީގެ ތަސައްވުރު ޔާމީން ފުރިހަމަ ކުރާނެކަން އިންޑިއާ އަށް އިނގޭނެ ކަމަށާއި އެއީ ވެސް ޔާމީން ސިޔާސީ މައިދާނުން ގެއްލުވާލަން ބޭނުންވާ ސަބަބެއް ކަމަށް އަދުރޭ ވިދާޅުވިއެވެ.

މީގެއިތުރުން މި ޖަލްސާގައި އަދުރޭ ވަނީ ރައީސް ސޯލިހު އިސްތިއުފާ ދެއްވުމަށްފަހު، ހުރިހާ ޕާޓީތަކެއް އެކުލެވޭ ގޮތަށް އަވަސް އިންތިހާބެއް ރާއްޖޭގައި ބޭއްވުމަށް ވެސް ގޮވާލާފައެވެ.