Last Updated: April 25, 18:52
Thursday, April 25, 2024
ޚަބަރު

އިސްލާމްދީނަށް ފުރައްސާރަކުރި އިންޑިއާ މީހާ ޑީޕޯޓުކޮށްލައިފި

އިސްލާމްދީނަށް ފުރައްސާރަކުރި އިންޑިއާ މީހާ

މަސްތުވެގެން މާލޭގެ މަގުމަތީގައި ހުރެ އިސްލާމްދީނަށް ފުރައްސާރަކުރި މީހާ ޑީޕޯޓުކޮށްލައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ މަސްތުގެ ހާލަތުގައި ހުރެ ދީނަށް ފުރައްސާރަ ކުރި އިންޑިއާގެ ފިރިހެން މީހާ އެއްގޮތަކަށް ވެސް ރާއްޖެ ނާދެވޭ ގޮތަށް ރާއްޖެއިން ޑީޕޯޓުކޮށްލާފައިވާ ކަމަށެވެ. އެގޮތުން އޭނާ ރާއްޖެ އިން ފޮނުވާލީ މި މަހުގެ 13 ވަނަ ދުވަހު ކަމަށް ފުލުހުން ބުނެއެވެ.

އެ މައްސަލައާ ގުޅިގެން އޭނާ ފުލުހުންގެ ހައްޔަރަށް ވެސް ގެންގޮސްފައިވެއެވެ. ނަމަވެސް އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ ދޫކޮށްލާފައެވެ.

ބަންދުން ދޫކޮށްލި ނަމަވެސް އޭނާގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ކުރިން ބުނެފައިވެއެވެ. އެ މައްސަލަ ބޮޑުވުމުން އޭނާ ވަނީ ފަހުން މައާފަށް އެދި ވީޑިއޯއެއް ވެސް އާންމުކޮށްފައެވެ.

އިސްލާމްދީނަށް ފުރައްސާރަކޮށް ވާހަކަ ދެއްކި މައްސަލާގައި އޭނާ ޑީޕޯޓުކޮށްލީ، އޭނާގެ މައްޗަށް އެ މައްސަލާގައި ދައުވާކުރުމަށް ބައެއް ފަރާތްތަކުން ގޮވާލަމުންދާ ދަނޑިވަޅެއްގައެވެ.