Last Updated: April 25, 22:42
Thursday, April 25, 2024
ދުނިޔެ

ކޮވިޑް ޖެހުނު މީހުންގެ އަދަދު 40 މިލިއަނަށް އަރައިފި

މުޅި ދުނިޔެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 40 މިލިއަނަށް އަރައިފި އެވެ.

ކޮވިޑް ޖެހުނު މީހުންގެ އަދަދު 40 މިލިއަނަށް އެރިއިރު، އޭގެތެރެއިން 27.5 މިލިއަން މީހުން ވަނީ މި ބަލިން ރަނގަޅުވެފައެވެ. އަދި 1.11 މިލިއަން މީހުން ވަނީ މި ބަލީގައި މިހާތަނަށް މަރުވެފައެވެ.

މި ބައްޔަށް އެންމެ ގިނަ އަދަދަކަށް މީހުން ޕޮޒިޓިވް ވެފައިވަނީ އެމެރިކާ އިންނެވެ. އެގޮތުން އެގައުމުން މި ބައްޔަށް ވަނީ 8.19 މިލިއަން މީހުން ޕޮޒިޓިވް ވެފައެވެ. މި ބަލީގައި އެންމެ ގިނަ އަދަދަކަށް މީހުން މަރުވެފައިވަނީ ވެސް އެމެރިކާ އިން ކަމަށްވާއިރު އެގައުމުން މިހާތަނަށް ވަނީ މި ބަލީގައި ދެ ލައްކަ އަށް ވުރެ ގިނަ މީހުން މަރުވެފައެވެ.

މި ބައްޔަށް ދެވަނަ އަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވީ އިންޑިއާ އިން ކަމަށްވާއިރު، ލިސްޓުގެ ތިންވަނައިގައި އޮތީ ބްރެޒިލް އެވެ.

ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ޔޫރަޕާއި އޭޝިއާގެ ބައެއް ގައުމުތަކުގައި އަނެއްކާވެސް ވަނީ އިތުރުވާން ފަށާފައެވެ. އެގޮތުން ބައެއް ގައުމުތަކުގައި އަނެއްކާވެސް ވަނީ ކާފިއުގެ ހާލަތު އިއުލާންކޮށްފައެވެ.

ކޮވިޑުން ރައްކާތެރިވުމަށް ދުނިޔޭގެ އެކި ގައުމުތަކުން ވެކްސިނެއް ތައްޔާރުކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، ވެކްސިނެއް އެންމެ އަވަހަށް ވެސް ލިބޭވަރު ވާނީ އަންނަ އަހަރު ކަމަށް ރިޕޯޓުތައް ބުނެއެވެ.