Last Updated: April 24, 12:56
Wednesday, April 24, 2024
ޚަބަރު

ވެންޓިލޭޓަރުގެ މައްސަލާގައި ދައުވާ ނުކުރަން ނިންމައިފި

ހެލްތު މިނިސްޓަރު އަބްދުﷲ އަމީން - ފޮޓޯ: މަޖިލިސް

ކޮވިޑު-19 އާއި ގުޅިގެން ވެންޓިލޭޓަރު ގަންނަން ހަވާލުކުރި މައްސަލާގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރަމުން ގެންދާ ތަހުގީގު ނިންމައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އާއެކު 11 ފަރާތެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވި މައްސަލައިގައި އެއްވެސް މީހެއްގެ މައްޗަށް ދައުވާ ނުކުރަން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

ޕީޖީ އޮފީހުން ބުނީ މިގޮތަށް ނިންމީ އޭސީސީން ފޮނުވި މައްސަލަ ދިރާސާކުރުމަށްފަހު ކަމަށެވެ. އެގޮތުން މިގޮތަށް ނިންމައި އިއްޔެ އެ މައްސަލަ ޑިކްލައިންކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ. މިގޮތަށް ނިންމި ސަބަބު ހާމަކުރަން ޕީޖީ އޮފީހުން މިއަދު މެންދުރު ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ވެންޓިލޭޓަރު ގެނައުމުގެ މައްސަލާގައި 11 މީހެއްގެ މައްޗަށް ދައުވާ ކުރުމަށް އޭސީސީން ޕީޖީއަށް މައްސަލަ ފޮނުވާފައިވަނީ މިމަހުގެ 14 ވަނަ ދުވަހުއެވެ.

މި މައްސަލައިގައި އަމީންގެ އިތުރުން ދެން ދައުވާކުރަން ފޮނުވީ ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ބިޑް ކޮމެޓީގެ ޗެއާރ ނިޝާމާ މުހައްމަދާއި ބިޑު ކޮމިޓީގެ ދެ މެމްބަރަކާއި، މިނިސްޓްރީ އޮފް ހެލްތުގެ ޑިރެކްޓަރ ނައުޝާދު އަލީ އާއި މިނިސްޓްރީ އޮފް ހެލްތުގެ ޑިރެކްޓަރ (ފައިނޭންސް އެގްޒެކްޓިވް) އަޙްމަދު އަސްލަމް އާއި މިނިސްޓްރީ އޮފް ހެލްތްގެ ޑެޕިއުޓީ މިނިސްޓަރ، ޝިޔާމާ މުޙައްމަދު އާއި މިނިސްޓްރީ އޮފް ހެލްތުގެ ލީގަލް އޮފިސަރ، ޢަލީ ޝިހާމް އާއި މިނިސްޓްރީ އޮފް ހެލްތުގެ އެސިސްޓެންޓް ޑައިރެކްޓަރ، ޢަބްދުﷲ ޙަފީޡް އާއި ހެލްތުގެ އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ، ޙުސައިން ނިޔާޒް އާއި މިނިސްޓްރީ އޮފް ހެލްތުގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ޢަބްދުﷲ ޝަރީފްގެ މައްޗަށެވެ.

އޭސީސީން ބުނީ މި މައްސަލައަކީ އެ ކޮމިޝަނުން މިހާތަނަށް ތަޙުޤީޤުކުރި ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކުގެ ތެރެއިން އެންމެ އަވަހަށް ނިންމި މައްސަލަ ކަމަށް ބުނެފައެވެ.