Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

އޭސީސީން ކުރާ ތަހުގީގުތަކުގެ ފެންވަރާއި މެދު ސުވާލުތަކެއް

އޭސީސީގެ މެމްބަރުން - ފޮޓޯ: މަޖިލިސް

ކޮވިޑު-19 އާއި ގުޅިގެން ވެންޓިލޭޓަރު ގަންނަން ހަވާލުކުރި މައްސަލާގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އާއެކު 11 ފަރާތެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވި މައްސަލައިގައި އެއްވެސް މީހެއްގެ މައްޗަށް ދައުވާ ނުކުރަން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމުމުން އޭސީސީން ކުރާ ތަހުގީގުތަކުގެ ފެންވަރާ މެދު އަނެއްކާވެސް ސުވާލު އުފައްދައިފިއެވެ.

ޕީޖީ އޮފީހުން ބުނީ މިގޮތަށް ނިންމީ އޭސީސީން ފޮނުވި މައްސަލަ ދިރާސާކުރުމަށްފަހު ކަމަށެވެ. އެގޮތުން މިގޮތަށް ނިންމައި އިއްޔެ އެ މައްސަލަ ޑިކްލައިންކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ. މިގޮތަށް ނިންމި ސަބަބު ހާމަކުރަން ޕީޖީ އޮފީހުން މިއަދު މެންދުރު ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ވެންޓިލޭޓަރު ގެނައުމުގެ މައްސަލާގައި 11 މީހެއްގެ މައްޗަށް ދައުވާ ކުރުމަށް އޭސީސީން ޕީޖީއަށް މައްސަލަ ފޮނުވާފައިވަނީ މިމަހުގެ 14 ވަނަ ދުވަހުއެވެ.

މިފަހަކަށް އައިސް އޭސީސީ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވާ މާފަންނު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) މިއަދު ވިދާޅުވީ ވެންޓިލޭޓަރު މައްސަލައިގައި އޭސީސީން ދައުވާ ކުރަން ޕީޖީ އޮފީހަށް ފޮނުވީ މަޖިލީހަށް ހާޒިރުވާން އޭސީސީއަށް އަންގާފައިވާ ދުވަހުގައި ކަމަށެވެ. އަދި އެ ކޮމިޝަނުން ކުރި ތަހުގީގުގެ ފެންވަރު މިހާރު ފެންނަމުންދާ ކަމަށްވެސް އިންތި ވިދާޅުވިއެވެ.

"އެ ދުވަހު ހެނދުނު 11:00 އަށް މަޖިލީހަށް ހާޒިރުވުމަށް އޭސީސީއަށް އެންގުމުން، އައި މަގުމަތީގައި ޕީޖީއަށް މި މައްސަލަ ވައްޓާލާފައި އަންނަން ވެގެން ކުރި ތަހުގީގުގެ ފެންވަރު" އިންތި ވިދާޅުވިއެވެ.

މީގެކުރިން ޕީޖީ އޮފީހުން ވަނީ ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދާއި، ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އޭސީސީން ފޮނުވި މައްސަލަ ވެސް އަނބުރާ ފޮނުވާލާފައެވެ.