Last Updated: April 18, 09:37
Thursday, April 18, 2024
ދުނިޔެ

މެކްސިކޯގައި ބޭއްވި ކައިވެނި ޕާޓީއަކުން 100 މީހުން ޕޮޒިޓިވް

މެކްސިކޯގައި ބޭއްވި ކައިވެނި ޕާޓިއަކުން 100 އަށް ވުރެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

މެކްސިކޯގެ މެކްސިކާލީ ސިޓީގައި މި މަހުގެ ތިންވަނަ ދުވަހު ބޭއްވި އެ ކައިވެނި ޕާޓީގައި ޖުމްލަ 300 މީހުން ބައިވެރިވެފައިވެއެވެ. އެގޮތުން އެ ޕާޓިއަކީ މެކްސިކޯގެ މަޝްހޫރު ސޯޕް އޮޕެރާ އެކްޓަރެއްގެ ކައިވެނި ޕާޓީއެވެ.

މެކްސިކޯގެ ހެލްތު ސެކްރެޓަރީ އޮސްކާ ޕެރޭޒް ރީކޯ ވިދާޅުވީ މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ޕާޓީގެ ބައިވެރިން ތިބީ މާސްކު ވެސް ނާޅައި ކަމަށާއި އަދި ހުން ބެލުން ފަދަ އެއްވެސް ކަމެއް ކޮށްފައި ނުވާ ކަމަށެވެ. އަދި މިފަދަ ދަނޑިވަޅެއްގައި އެހާ ގިނަ އަދަދެއްގެ މީހުން އެއްކޮށްގެން އިވެންޓެއް ބޭއްވުމަކީ ވެސް މަނާ ކަމެއް ކަމަށް ޕެރޭޒް ވިދާޅުވިއެވެ.

މީގެއިތުރުން ކޮވިޑަށް ޕޮޒިޓިވް ވެފައި ހުއްޓާ އެ ޕާޓީ އަށް އެއްވެސް މީހަކު ދިޔަކަން ކަށަވަރު ކުރުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ގަސްދުގައި އެހެން ބައެއްގެ ތެރެއަށް ބަލި ފެތުރުމަކީ މެކްސިކޯގެ ބައެއް ސްޓޭޓުތަކުގައި ގާނޫނީ ކުށެކެވެ.

މެކްސިކޯ އިން މިހާތަނަށް 8 ލައްކަ އަށް ވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، 86،300 މީހުން ވަނީ ބަލީގައި މަރުވެފައެވެ.