އައްޑޫ ސިޓީގައި ދިރިއުޅޭ ބިދޭސީންނަށް އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމަށް ނިންމައިފިއެވެ.
އައްޑޫ ކައުންސިލުން ބުނީ އައްޑޫގައި ދިރިއުޅޭ ބިދޭސީންގެ ތެރެއިން އެއްގަމު ލައިސަންސް އަލަށް ނެގުމަށާއި ކެޓަގަރީ އިތުރުކުރުމަށް ބޭނުންވާ ފަރާތްތަކަށް އައްޑޫން ލައިސަންސް ނެގޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ.
އެގޮތުން ބިދޭސީންނަށް ލައިސަންސްގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ ޤަވާއިދުގައި ބަޔާންވެގެންވާ ކަންކަން ފުރިހަމަވުމުން ކަމަށް ކައުންސިލުން ބުނެއެވެ.
އަދި މިފަރާތްތަކަށް ލައިސަންސް ދޫކުރެވޭނީ އެއްގަމު ދަތުރު ފަތުރުގެ ޤާނޫނާއި ޤަވާއިދު އިގޭތޯ ބެލުމަށް ބާއްވާ ތިޔަރީ އަދި ޑްރައިވިންގް އިމްތިޙާނުން ފާސްވުމުން ކަމަށްވެސް ބުނެފައިވެއެވެ.
އައްޑޫގައި ދިރިއުޅޭ ބިދޭސީންނަށް އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އަލަށް ނެގުމަށް އަދި ކެޓަގަރީ އިތުރުކުރުމުގެ ޚިދުމަތަށް އެދި މި އިދާރާގެ ޓްރާންސްޕޯޓް ސެކްޝަނަށް އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ހުށަހެޅޭނެ ކަމަށް ކައުންސިލުން ބުނެއެވެ.