އެމެރިކާ އިން ބަދަހިކުރާނީ އެކުވެރިކަން ކަމަށާއި ގައުމުތަކުގެ މިނިވަން ކަމަށް އަރައިނުގަންނާނެ ކަމަށް ވިދާޅުވެ އެމެރިކާގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕޭއޯ ޗައިނާ އަށް ބަހުގެ ހަމަލާތަކެއް ދެއްވައިފިއެވެ.
މިއަދު މެންދުރުފަހު ރާއްޖެ ވަޑައިގެންނެވި ޕޮމްޕޭއޯ މިހެން ވިދާޅުވީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއެކު ޝެރަޓަން މޯލްޑިވްސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
އެގޮތުން ޕޮމްޕޭއޯ ވިދާޅުވީ ގާނޫނީ އިމުން ބޭރުން ޗައިނާގެ ކޮމިއުނިސްޓް ސަރުކާރުން ކުރާ ކަންކަމުގެ ސަބަބުން ރާއްޖެ އާއި މި ސަރަހައްދުގެ ގައުމުތަކަށް ހާއްސަ ނަޒަރަކުން އެމެރިކާ އިން ބަލަމުންދާ ކަމަށެވެ. އެގޮތުން ޗައިނާގެ ސަރުކާރުގެ މި އަމަލުތައް މިފަދަ ގައުމުތަކުގެ އިގްތިސާދީ ހާއްސަ ސަރަހައްދުން ވެސް ފެންނަ ކަމަށާއި އަދި ޗައިނާގެ ދައުލަތުގެ ކުންފުނިތަކުން ތިމާވެއްޓަށް ގެއްލުން ދެމުންދާ މަންޒަރުވެސް ފެންނަމުންދާ ކަމަށް ޕޮމްޕޭއޯ ވިދާޅުވިއެވެ.
އެގޮތުން މިފަދަ ކުންފުނިތަކުން ކަނޑުތައް ތަޣައްޔަރު ކުރަމުންދާ ދިއުމުގެ ސަބަބުން ގައުމުތަކަށް ފޫނުބެއްދޭ ވަރުގެ ގެއްލުންތަކާއި ކުރިމަތިލާން ޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ޣައިރު ގާނޫނީ ގޮތުގައި ކުރާ މަސްވެރިކަން ހުއްޓުވައި، އެކަން ރިޕޯޓް ކުރުމާ ގުޅޭގޮތުން ތަފާތު ގޮތްގޮތުން ވާހަކަތައް ދެކެވުނު ނަމަވެސް އެކަން ކުރުމުގައި ވެސް ޗައިނާ ސަރުކާރު ފެއިލްވެފައިވާ ކަމަށް ޕޮމްޕޭއޯ ވިދާޅުވިއެވެ.
ޗައިނާގެ އަމަލުތައް މިގޮތަށް ހުރި ނަމަވެސް އެމެރިކާ ތަފާތު ވާނެ ކަމަށާއި އެގޮތުން ގައުމުތަކުގެ މިނިވަންކަމަށް އެގައުމުން އިހުތިރާމް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެމެރިކާ އިން އަބަދުވެސް ގޮވާލާނީ ދެ ފުށް ފެންނަ ގޮތަށް ކަންކަން ކުރުމަށް ކަމަށާއި އެމެރިކާ އަކީ އެކުވެރިކަމާއި ބަދަހި ގުޅުންތައް ގާއިމުކުރާނެ ގައުމެއް ކަމަށްވެސް ޕޮމްޕޭއޯ ވިދާޅުވިއެވެ.
އެގޮތުން އެ ބިންގަލުގެ މަތީގައި ރާއްޖެ އާއި އެމެރިކާއާ ދެމެދު އާ ފަހި ފުރުސަތުތަކެއް ތަނަވަސްކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި ދެ ގައުމުގެ ގުޅުމުގައި ކުރިއަށް އޮތް ފާގަތި ދުވަސްތަކެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.