Last Updated: July 19, 21:37
Saturday, July 19, 2025
ޚަބަރު

130 ކިލޯގެ ޑްރަގާއެކު ހައްޔަރުކުރި ޝަހީބު ދޫކޮށްލައިފި

130 ކިލޯ ޑްރަގް މައްސަލައިގައި ހައްޔަރުކުރި ޕީއެންސީގެ ޝަހީބު--

މި މަހުގެ 12 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ހުޅުމާލެ ފަޅުތެރޭގައި އޮތް ކަންނެލިން ދޯންޏަކުން 130 ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި އިސް މީހަކު މިއަދު ދޫކޮށްލައިފިއެވެ.

އެގޮތުން ކްރިމިނަލް ކޯޓުން ދޫކޮށްލީ ގއ. ވިލިނގިލި/ލައިޓްހައުސް، ޝަހީބް އިބްރާހިމް (42އ) އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "އައްޑޫ ލައިވް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ މައްސަލައިގައި އިސްކޮށް ހަރަކާތްތެރިވި ކަމަށް ތުހުމަތު ކުރެވޭ ޝަހީބުގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން ދޫކޮށްލާފައިވާ ކަމަށެވެ.

އެގޮތުން ޝަހީބު ދޫކޮށްލީ ހެކި ހުރެގެން ފުރަތަމަ ފަހަރަށް މުއްދަތު ދިނުމަށްފަހު، ތަހުގީގަށް މިހާރު އިތުރަށް ލިބިފައިވާ ހެތްކާއެކު މިއަދު ކޯޓަށް ހުށަހެޅުމުން ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

އެ އޮޕަރޭޝަނުގައި ޝަހީބާއެކު އިތުރު ހަ މީހަކު ހައްޔަރުކުރިއެވެ. އެ އޮޕަރޭޝަނުގައި ހޯދާފައިވާ މަސްތުވާތަކެތީގެ ބާވަތްތަކުގެ ތެރޭގައި މެޓައެމްފިޓަމިން އާއި ހެރޮއިން ހިމެނޭ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ބުނިގޮތުގައި މިކަމުގައި ޝަހީބާއެކު ދެން އިސްކޮށް ހަރަކާތްތެރިވެފައިވަނީ ހއ. ހޯރަފުށި/ ވައިލެޓްވިލާ، އަހްމަދު މޫސާ (48އ) އެވެ.

އެގޮތުން ޝަހީބަކީ 2019 ނޮވެމްބަރު މަހުގެ ތެރޭގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި އިރާން ބޯޓުގެ މައްސަލަ އާއި ވެސް ގުޅުން އޮތް ފަރާތެއް ކަމަށް ފުލުހުން މީގެކުރިން ބުނެފައިވެއެވެ.