ކީރިތި ރަސޫލާގެ ހަޔާތްޕުޅުން ނަމޫނާ ލިބިގަންނަން ޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ ކީރިތި ރަސޫލާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ޢީދު މީލާދުގެ މުނާސަބާގައި، ދިވެހި ރައްޔިތުންނަށް ތަހުނިޔާއާ ހެޔޮއެދުންތައް އަރިސްކުރައްވައި ފޮނުއްވި ތަހުނިޔާގެ މެސެޖްގައެވެ.
އެގޮތުން ރައީސް ވިދާޅުވީ ދެދުނިޔެއަށް ކައުކުރެއްވި އެންމެ މަތިވެރި ސާހިބާގެ ސީރަތުން، ފެންނަ އެންމެ މަތިވެރި ނަމޫނާއަކީ، މީސްތަކުންގެ މެދުގައި އޮންނަންވީ އެއްބަނޑު އެއްބަފާކަމުގެ ގުޅުމާއި، ޢަދުލު އިންޞާފަށް ލޯބިކުރުމާއި، އަނެކުންގެ ޙައްޤުތަކަށް ޙުރުމަތްތެރިކޮށް ހިތުމުގެ މާތް ސިފަ ކަމަށެވެ.
އަދި އެކަކު އަނެކަކަށް އެހީތެރިވެ އުޅުމާއި، ދަތި އުނދަގޫ ޙާލަތްތަކުގައި ދީލަތިކަމާއި އޯގާތެރިކަން އިސްކުރުމުގެ ރިވެތި ސިފަތަކާއި ވަކިން ޚާއްޞަ ގޮތެއްގައި، ޢާއިލީ ގުޅުންތައް ބަދަހިކުރުމާއި، އަނެކުންނަށް މަޢާފްކުރުމާއި ހިތްހެޔޮކަމާއެކު މުޢާމަލާތުކުރުމުގެ އަޚްލާޤީ ނަމޫނާތަކަކީ ފެންނަ މަތިވެރި ނަމޫނާތައް ކަމަށް ރައީސް ވިދާޅުވިއެވެ.
"ދީނީ ވާޖިބުތަކަށް ފަރުވާތެރިވާ ފަދައިން، ދުނިޔަވީ ދިރިއުޅުން ބާއްޖަވެރިކުރުމަށްޓަކައި ގަދައަޅައި މަސައްކަތްކުރުމަކީ، ނަބަވީ ސީރަތުން ލިބިދޭ އެންމެ މުހިންމު ފިލާވަޅެވެ. އަޅުގަނޑުމެންގެ ރާއްޖެވެސް މިއަދު މިއޮތީ، މިއަށްވުރެ ރަނގަޅު ޙާލަތަކަށް ގެންދިޔުމަށްޓަކައި، ކޮންމެ ރައްޔިތެއްގެ ފަރުދީ ބައިވެރިވުމަށް ނުހަނު ބޮޑަށް ބޭނުންވެފައެވެ. އިޤްތިޞާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން، ޤައުމުގެ ޙާލަތު ރަނގަޅުކުރެވޭނީ، އިސްލާމީ ދައުލަތް ފެށިގެން އައިއިރު، އެ ދައުލަތް ބިނާކުރުމަށްޓަކައި މުސްލިމުން ދެއްކި ފަދަ، ހިތްވަރުގަދަކަމާއި މަސައްކަތްތެރިކަމުގެ ނަމޫނާއެއް އަޅުގަނޑުމެންގެ ފަރާތުންވެސް ފެނިގެންނެވެ" ރައީސް ވިދާޅުވިއެވެ.
އަދި މިއީ އެންމެންގެ މެދުގައި އިޖުތިމާޢީ ޢަދާލަތު ޤާއިމުކޮށް، ހަމަޖެހުމާއި ޞުލްޙަ މަސަލަސްކަންމަތީ ދެމިތިބުމަށްޓަކައި، ކޮންމެ މީހެއްގެ ކިބައިގައި ހަރުލައްވަންޖެހޭ މުހިންމު ސިފަތަކެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން މިފަދަ މަތިވެރި ޒިކުރާއެއް އައުކުރާއިރު، ގަދައަޅައި މަސައްކަތް ކުރަންވީ، އިތުރު އެކަލޭގެފާނުގެ ވަސްމީރު ޒިކުރާއިން ލިބިދޭ މިފަދަ ފިލާވަޅުތަކުން، އަޅުގަނޑުމެންގެ ދުނިޔަވީ ޙަޔާތުގެ އާބާތުރަ ފިލުވައި، އެކަލޭގެފާނުގެ މަތިވެރި ރިސާލަތަށް ފުރިހަމައަށް ތަބަޢަވާ ބަޔަކަށް ވުމަށް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އަދި އެކަލޭގެފާނު ދެއްކެވި މަތިވެރި ނަމޫނާތަކުން، ދެދުނިޔޭގެ ބާއްޖަވެރިކަން ޙާޞިލުކުރުމަށްޓަކައި މަސައްކަތް ކުރަންޖެހޭ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.