ކުޅުދުއްފުށި ސިޓީގައި އިއުލާންކުރި މޮނީޓަރިންގެ ހާލަތު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު އުވާލައިފިއެވެ.
މި މަހުގެ 17 ވަނަ ދުވަހު ކުޅުދުއްފުށި މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ، އެ ރަށުން ޕޮޒިޓިވް ކޭސްތަކެއް ފެނުމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމުގެ ގޮތުންނެވެ. މޮނީޓަރިންގެ ހާލަތަށް ގެނައުމަށްފަހު ވަނީ ކުޅުދުއްފުއްޓަށް އަށް އަރައި ފޭބުން މަނާކޮށްފައެވެ.
އެޗްޕީއޭ އިން މިރޭ ބުނީ އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ ދަށުން ބަލަން ކަނޑައެޅުނު ކަންކަން ބެލުމުން، މޮނީޓަރިންގެ ހާލަތު އިތުރަށް ދަމަހައްޓަންޖެހޭ ސަބަބެއް މިވަގުތު ނެތް ކަމަށެވެ.
އެހެންކަމުން މޮނީޓަރިންގެ ހާލަތާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ވެސް މިހާރު ނިމުމަކަށް އަންނާނެ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
ކުޅުދުއްފުށިން ފެނުނު ޕޮޒިޓިވް ކޭސްތަކާ ގުޅިގެން ފާއިތުވި ދުވަސްތަކުގައި ރެންޑަމްކޮށް ގިނަ އަދަދެއްގެ ސާމްޕަލްތަކެއް އެ ރަށުން ވަނީ ނަގާފައެވެ. އެ ހުރިހާ ސާމްޕަލެއް ވަނީ ކޮވިޑަށް ނެގެޓިވް ވެފައެވެ.
ކުޅުދުއްފުށި މޮނީޓަރިންގެ ހާލަތުން ނެގުމުން މިވަގުތު މޮނީޓަރިންގެ ހާލަތުގައި އޮތީ ރ.އުނގޫފާރު އެކަންޏެވެ.