Last Updated: July 19, 21:37
Saturday, July 19, 2025
ޚަބަރު

ޝަހީބު ދޫކޮށްލި މައްސަލަ އިސްތިއުނާފް ކުރަނީ

ޝަހީބު އިބްރާހިމް

މި މަހުގެ 12 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ހުޅުމާލެ ފަޅުތެރޭގައި އޮތް ކަންނެލިން ދޯންޏަކުން 130 ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި އިސް މީހާ މިއަދު ކޯޓުން ދޫކޮށްލި މައްސަލަ އިސްތިއުނާފް ކުރަން ނިންމައިފިއެވެ.

އެގޮތުން ކްރިމިނަލް ކޯޓުން ދޫކޮށްލީ ގއ. ވިލިނގިލި/ލައިޓްހައުސް، ޝަހީބް އިބްރާހިމް (42އ) އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "އައްޑޫ ލައިވް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކޯޓުން ޝަހީބު ދޫކޮށްލީ އޭނާގެ ބަންދުގެ މުއްދަތު ޝަހީބުގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ގެންދިޔުމުން ކަމަށެވެ. އަދި ޝަހީބު ދޫކޮށްލީ ހެކި ހުރެގެން ފުރަތަމަ ފަހަރަށް މުއްދަތު ދިނުމަށްފަހު، ތަހުގީގަށް މިހާރު އިތުރަށް ލިބިފައިވާ ހެތްކާއެކު މިއަދު ކޯޓަށް ހުށަހެޅުމުން ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

"މި މައްސަލަ އިސްތިއުނާފް ކުރުމަށް މިހާރު ވާނީ ނިންމާފައި" އޮފިޝަލް ވިދާޅުވިއެވެ.

އެ އޮޕަރޭޝަނުގައި ޝަހީބާއެކު އިތުރު ހަ މީހަކު ހައްޔަރުކުރިއެވެ. އެ އޮޕަރޭޝަނުގައި ހޯދާފައިވާ މަސްތުވާތަކެތީގެ ބާވަތްތަކުގެ ތެރޭގައި މެޓައެމްފިޓަމިން އާއި ހެރޮއިން ހިމެނޭ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މި މައްސަލައިގައި ހިމެނޭ ޝަހީބަކީ 2019 ނޮވެމްބަރު މަހުގެ ތެރޭގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި އިރާން ބޯޓުގެ މައްސަލަ އާއި ވެސް ގުޅުން އޮތް ފަރާތެއް ކަމަށް ފުލުހުން މީގެކުރިން ބުނެފައިވެއެވެ.