Last Updated: July 19, 21:37
Saturday, July 19, 2025
ޚަބަރު

ޕޮމްޕޭއޯ ރާއްޖެ އިން ފުރާވަޑައިގެންފި

ޕޮމްޕޭއޯ ރާއްޖެ އިން ފުރާވަޑައިގަތުން - ފޮޓޯ: ފޮރިން މިނިސްޓްރީ

މިއަދު މެންދުރުގެ ވަގުތެއްގައި ރާއްޖެ ވަޑައިގެންނެވި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕޭއޯ ރާއްޖެ އިން މިރޭ ފުރާވަޑައިގެންފިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޕޮމްޕޭއޯގެ ދެކަނބަލުންނަށް އަލްވަދާއު ވިދާޅުވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.

ޕޮމްޕޭއޯގެ މި ދަތުރުފުޅުގައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ބައްދަލުކުރައްވާފައެވެ. އެ ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ގިނަ ދާއިރާތަކަކުން ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުންތައް އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

މި ގޮތުން، ދެ ޤައުމުގެ ދެމެދުގައި އޮތް ދޭދޭ ގުޅުމާއި، ބައިނަލްއަޤްވާމީ މައިދާނުގައި ގުޅުން ބަދަހިކުރުން އިތުރުކުރުމާއި، ވިޔަފާރީގެ ގުޅުންތަކާއި އިންވެސްޓްމެންޓުތައް އިތުރުކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. އަދި ތިމާވެށި ހިމާޔަތްކުރުމާއި، ސައިބަރ ސެކިއުރިޓީ ވަރުގަދަކޮށް ނިރުބަވެރިކަމާއި ދެކޮޅަށް ކުރަމުންދާ މަސައްކަތްތައް ހަރުދަނާކުރުމާއި، އިންޑޯ-ޕެސިފިކް ސަރަޙައްދުގެ މިނިވަންކަން ދަމަހައްޓައި، އެ ސަރަޙައްދުގެ ވިޔަފާރި ކުރިއެރުވުމާ ގުޅޭގޮތުން ވެސް ދެ ބޭފުޅުން ޚިޔާލު ބަދަލުކުރެއްވިއެވެ.

ރައީސް ސޯލިހަށްފަހު ޕޮމްޕޭއޯ ދެން ބައްދަލުކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއެވެ. އެގޮތުން އެ ބައްދަލުވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ޕޮމްޕޭއޯ ވަނީ ރާއްޖޭގައި އެމެރިކާގެ އެމްބަސީ އެއް ގާއިމުކުރުމަށް ނިންމާފައިވާކަން އިއުލާންކުރައްވާފައެވެ.

މީގެއިތުރުން ޗައިނާ އަށް ބަހުގެ ގިނަ ހަމަލާތަކެއް ވެސް ޕޮމްޕޭއޯ ވަނީ އެ ނޫސްވެރިންގެ ބައްދަލުވުމުގައި އަމާޒުކޮށްފައެވެ.

މިއީ 2004 ވަނަ އަހަރަށްފަހު އެމެރިކާގެ ހާރިޖީ ވަޒީރަކު ރާއްޖެ އަށް ދަތުރުފުޅެއް ކުރެއްވި ފުރަތަމަ ފަހަރެވެ. ރާއްޖެ އަށް ފަހު ޕޮމްޕޭއޯ ދެން ވަޑައިގަންނަވާނީ އިންޑޮނީޝިޔާ އަށެވެ.