Last Updated: April 20, 14:49
Saturday, April 20, 2024
ޚަބަރު

ތަހުގީގު ލަސްވުމަކީ ދިވެހި މަސްވެރިންނަށް ލިބޭ ބިރުވެރި އިންޒާރެއް!

މިދިޔަ އާދީއްތަ ދުވަހުގެރޭ ލ. ވަޑިނޮޅި ކައިރީ އެންދެމުގެ މަސައްކަތަކުގައި ތިއްބާ ތޫނު އެއްޗެއްސާއި އެކު ބަޔަކު "ފަސްކުރި" ދޯންޏަށް އެރި މައްސަލައިގެ ތަހުގީގު ލަސްވުމަކީ ދިވެހި މަސްވެރިންނަށް ލިބޭ ބިރުވެރި އިންޒާރެއް ކަމަށް އެ ދޯނީގެ ފަޅުވެރިން ބުނެފިއެވެ.

އެ މައްސަލައާ ގުޅިގެން ޖުމްލަ 16 މީހަކު ހައްޔަރުކުރިއިރު، ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އޭގެތެރެއިން 9 މީހަކު ވަނީ ދޫކޮށްލާފައެވެ. ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ފަސްކުރި ދޯންޏާއި ގުޅޭގޮތުން އެދޯނީގެ ވެރިމީހާ އިދުރީސް ހުސެއިން ނެރުނު ބަޔާނާއި ގުޅިގެން ދޯނީގައި ތިބި 22 ފަޅުވެރިންގެ މިރޭ ނެރުނު ބަޔާނެއްގައި ބުނީ މިއީ ރާއްޖޭގެ ތާރީހުގައި މަސްވެރި އުޅަނދަކަށް ތޫނު އެއްޗެއްސާއި އެކު އަރައި ބަޔަކު ރަހީނުކޮށް ހިންގި އެންމެ ލާއިންސާނީ އަމަލު ކަމަށެވެ.

އެގޮތުން ދޯނި ރަހީނު ކުރި ޓެރަރިސްޓު ހަމަލާއަށް ފަހު އިދުރީސު ހުސެއިން ދޯނީގެ ފަޅުވެރިންނަށް ބިރު ނުދައްކާ ކަމަށާއި، ސުލްހަވެރިކަމާއި އެކު ދޯނި ހޯދީކަމަށް ބުނެ ދައްކަނީ ކަނޑައެޅިގެން ބުހުތާނު ދޮގެއް ކަމަށް ފަޅުވެރިން ބުނެއެވެ.

އަދި ދޯނީގައި ތިބި ފަޅުވެރިންނަށް އެހީތެރިވެ، ރަށައް ފުރުވާ ދިނުމުގައި އެހީތެރިކަން ދިން ކަމަށް ބުނެ ހަދާފައިވަނީ ކަނޑައެޅިގެން ދޮގެއް ކަމަށާއި ދޯންޏަށް ތޫނު އެއްޗެއްސާއި އެކު ނާރާކަމަށް ބުނި އިރު މި މައްސަލައިގެ ތަހްގީގަށް ފުލުހުން ދޯނިން ގެންދިޔަ ތޫނު އެއްޗެއްސަކީ އިދުރީސް ހުސެއިން އާއި އެކު ގޮސް ދޯންޏަށް އެރި މީހުން ގެންދިޔަ ތަކެތި ކަމަށް ފަޅުވެރިންގެ ބަޔާނުގައި ބުނެފައިވެއެވެ.

"މި މައްސަލަ ކަމާއި ބެހޭ އިދާރާތުން ތަހުގީގު ކުރުމުގައި ލަސްވުމަކީ ދިވެހި އެންމެހާ މަސްވެރިންނަށް ލިބިގެންދާ ބިރުވެރި އިންޒާރެއްކަމަށް ދެކެމެވެ. އަދި މި މައްސަލަ އަވަހަށް ތަހުގީގުކޮށް ދޯންޏަށް ހަތިޔާރާއި އެކު އަރައި ފަޅުވެރިން ރަހީނުކުރި އެންމެންނަށް ގާނޫނުގައިވާ އެންމެ ހަރުކަށި އަދަބު ދިނުމަށް ގޮވާލަމެވެ" އެ ބަޔާނާގައި ބުނެފައިވެއެވެ.