Last Updated: April 18, 21:56
Thursday, April 18, 2024
ޚަބަރު

އިދިކޮޅުން "ބަޑި ބުރާސްފަތި" ގެ ނަމުގައި ޖަލްސާއެއް ބާއްވަނީ

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން "ބަޑި ބުރާސްފަތި" ގެ ނަމުގައި ޖަލްސާއެއް ބޭއްވުމަށް ނިންމައިފިއެވެ.

މިއަދު ޕީޕީއެމް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ މިއީ ނޮވެމްބަރު 3 ފާހަގަކުރުމުގެ ގޮތުން ބާއްވާ ޖަލްސާއެއް ކަމަށާއި މި ޖަލްސާ އޮންނާނީ އެ ދުވަހުގެރޭ 8:00 ގައި ކާނިވާ ސަރަހައްދުގައި ކަމަށެވެ.

އެގޮތުން ކާނިވާ ސަރަހައްދު ހޯދުމަށް މާލޭ ސިޓީ ކައުންސިލަށް ސިޓީއެއް ފޮނުވާފައިވާނެ ކަމަށާއި އަދި ގައިދުރުކޮށް ޖަލްސާ ބޭއްވުމަށް ހުއްދަ ދިނުމަށް އެދި އެޗްޕީއޭ އަށް ވެސް ސިޓީއެއް ފޮނުވާފައިވާނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ. އަދި އުއްމީދަކީ މާދަމާ ސަރުކާރު ހުޅުވުމުން މި ދެ ސިޓީ އަށް ވެސް ޖަވާބެއް ލިބުން ކަމަށް އޭނާ ވިދާޅުވިއެވެ.

މި ސިޓީތަކުގެ ޖަވާބަކަށް އިންތިޒާރު ކުރާނީ މާދަމާގެ އިރުއޮއްސުމާ ހަމައަށް ކަމަށާއި، އެ ވަގުތަށް ޖަވާބެއް ނުލިބިއްޖެނަމަ "ޕްލޭން ބީ" ވަގުތުން އެކްޓިވޭޓް ވާނެ ކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ. އަދި ކާނިވާ ސަރަަހައްދު ނުދިން ނަމަވެސް ރައްޔިތުންނަށްޓަކާ މި ޖަލްސާ ބާއްވާނެ ކަމަށާއި ރައްޔިތުން ގައުމީ ދިދަ ހިފައިގެން ތައްޔާރަށް ތިބުމަށް ވެސް ޝުޖާއު ވަނީ ގޮވާލާފައެވެ.

އިދިކޮޅުން މިދިޔަ އަހަރު ވެސް ނޮވެމްބަރު 3 ފާހަގަކުރުމުގެ ގޮތުން ވަނީ "ބަޑި ބުރާސްފަތި" ގެ ނަމުގައި މާލޭގައި އެއްވުމެއް ބާއްވާފައެވެ.