Last Updated: March 28, 21:55
Thursday, March 28, 2024
ދުނިޔެ

ހަތަރު ހަފުތާއަށް ޔޫކޭ ލޮކްޑައުންކޮށްފި

ކޮވިޑް-19 ގެ ކޭސްތައް އިތުރުވަމުން އަންނާތީ ހަތަރު ހަފުތާއަށް އިނގިރޭސިވިލާތް ލޮކްޑައުންކޮށްފިއެވެ.

ބޮޑުވަޒީރު ބޮރިސް ޖޯންސަން ރޭ އިއުލާން ކުރެއްވި އާ ލޮކްޑައުންގެ ޕްލޭނުގައިވާ ގޮތުން ރެސްޓޯރެންޓްތަކާއި ޕަބްތައް، ޖިމްތަކާއި ސިނަމާތައް އަދި ބައެއް ފިހާރަތައް ހަތަރު ހަފްތާ އަށް ބަންދުވާނެއެވެ.

ނަމަވެސް ކުރިން އެގައުމުގައި އިއުލާންކުރި ލޮކްޑައުން އާއި ހިލާފަށް މިފަހަރު ސްކޫލްތަކާއި ޔުނިވާސިޓީތަކާއި ކޮލެޖްތައް ބަންދު ނުވާނެއެވެ. އަދި އާންމުން ގެއިން ނިކުންނަން ވާނީ ޒަރޫރީ ބޭނުމެއްގައި އެކަނި ކަމަށްވެސް ބޮރިސް ވަނީ ވިދާޅުވެފައެވެ.

ބޮރިސް ވިދާޅުވި ގޮތުގައި މިފަހަރު އިނގިރޭސިވިލާތުގެ ރައްޔިތުންނަށް ކްރިސްމަސް ތަފާތު ވާނެ ކަމަށާއި، ކްރިސްމަސްގައި އާއިލާތައް އެއްތަންވުމުގެ ފުރުސަތު ލިބޭނީ މިހާރުން ފެށިގެން ހަރުކަށި ފިޔަވަޅުތައް އަޅައިގެން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އަދި މިހާރު އަޅާ ފިޔަވަޅުތަކުން ވިޔަފާރިތަކަށް ކުރާނެ ގެއްލުމަށް ބޮރިސް ވަނީ މައާފަށް އެދިފައެވެ.

އިނގިރޭސިވިލާތުން އިއްޔެ އެކަނި ވެސް ކޮވިޑްގެ 21،915 ކޭސް ފެނިފައިވާއިރު، އެގައުމުން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ އެއް މިލިއަނަށް އަރާފައެވެ. އިނގިރޭސިވިލާތަކީ ކޮވިޑްގެ ކޭސްތައް މިލިއަނަކަށް އެރި 9 ވަނަ ގައުމެވެ.