Last Updated: March 29, 06:02
Friday, March 29, 2024
ދުނިޔެ

އިންތިހާބު "ވަގަށް" ނަގަން އެބަ އުޅޭ: ޓްރަމްޕް

އެމެރިކާގެ ރިޔާސީ އިންތިހާބު "ވަގަށް" ނަގަން ޑިމޮކްރެޓިކް ޕާޓީން އުޅުއްވާ ކަމަށް ބުނެ އެގައުމުގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފިއެވެ.

އެމެރިކާގައި އިއްޔެ ކުރިއަށްދިޔަ ވޯޓުލުމުގެ ނަތީޖާތައް އިއުލާންކުރަން މިހާރު ފަށާފައިވާއިރު، އިންތިހާބުގެ ނަތީޖާ ކަނޑައަޅާނީ އިލެކްޓޯރަލް ކޮލެޖް ވޯޓުންނެވެ. އެގޮތުން ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް އަދި އެމެރިކާގެ ކުރީގެ ނައިބު ރައީސް ޖޯ ބައިޑެން އަށް 213 ވޯޓު ލިބިވަޑައިގެންފައިވާއިރު ޓްރަމްޕް ލިބިވަޑައިގެންނެވީ 174 ވޯޓެވެ. ރައީސް ކަމަށް އިންތިހާބު ވާނީ މަދުވެގެން 270 އިލެކްޓޯރަލް ވޯޓު ހޯއްދަވާ ބޭފުޅެކެވެ.

އިންތިހާބުގެ ނަތީޖާ އިއުލާން ކުރަމުންދަނިކޮށް ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބޮޑުތަނުން އޭނާ އުޅުއްވަނީ ކުރީގައި ކަމަށާއި ނަމަވެސް އިންތިހާބު "ވަގަށް' ނަގަން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެ ފުރުސަތު ނުދެއްވާނެ ކަމަށާއި އެގޮތުން ވޯޓު ފޮށި ބަންދުވި ފަހުން ވޯޓުލުމުގެ ފުރުސަތު ދެވިގެން ނުވާނެ ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.

އަދި ކުޑައިރުކޮޅެއްގެ ތެރޭގައި ސަޕޯޓަރުންނާއި ބައްދަލުކުރައްވައި ބަޔާނެއް ދެއްވާނެ ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.

މިވަގުތު ކުރީގައި އުޅުއްވާ ބައިޑެން މީގެ އިރުކޮޅެއް ކުރިން ސަޕޯޓަރުންނާއި ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ވިދާޅުވީ އުއްމީދު ކަނޑާނުލުމަށާއި އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި ނުގުނައި ގިނަ އަަދަދަކަށް ވޯޓުތައް ހުރުމުން ކެތްތެރިކަން އިސްކުރަންޖެހޭ ކަމަށާއި ހުރިހާ ކަމެއް ނިމޭނީ ކޮންމެ ވޯޓެއް ގުނައި ނިމުމުން ކަމަށްވެސް ބައިޑެން ވިދާޅުވިއެވެ.

އިންތިހާބުގެ ވާދަވެރިކަން ބޮޑުވެފައިވާއިރު، އިންތިހާބު ކާމިޔާބު ކުރާނެ ކެންޑިޑޭޓެއް އެނގޭ ވަރުވާން ދުވަސްތަކެއް ނެގުމަކީ އެކަށީގެންވާ ކަމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.