Last Updated: April 25, 22:42
Thursday, April 25, 2024
ވިޔަފާރި

ޓެކްސީ އަށް ފައިސާ ދެއްކޭނެ ކޭޝްލެސް ޕޭމަންޓް ޚިދުމަތެއް ތައާރަފްކޮށްފި

ނަގުދު ފައިސާ ބޭނުންނުކޮށް ޓެކްސީ އަށް ފައިސާ ދެއްކޭނެ ކޭޝްލެސް ޕޭމަންޓް ޚިދުމަތެއް ބީއެމްއެލް އިން މިއަދު ތައާރަފްކޮށްފިއެވެ.

ބީއެމްއެލް އިން ބުނީ މި ޚިދުމަތާއެކު ޓެކްސީ ޑްރައިވަރުންނަށް މިހާރު ބީއެމްއެލް މޮބައިލްޕޭ މެދުވެރިކޮށް ކޮންޓެކްޓްލެސް ޕޭމަންޓް ބަލައިގަނެވޭނެ ކަމަށެވެ.

އެގޮތުން މި ޚިދުމަތުގެ އެހީގައި ކަސްޓަމަރުންނަށް ބީއެމްއެލް މޮބައިލްޕޭ މެދުވެރިކޮށް ޑްރައިވަރުގެ މޯބައިލް ފޯނުގައިވާ ނުވަތަ ޓެކްސީގައި ބަހައްޓާފައިވާ ކިޔުއާރު ކޯޑު ސްކޭންކޮށްގެން ފަސޭހަކަމާއެކު ފައިސާ ދައްކާލެވޭނެއެވެ. ޓެކްސީ ޑްރައިވަރުންނަށް ކޭޝްލެސް ޕޭމަންޓްގެ ޚިދުމަތް ފޯރުކޮށްދެވިފައިވަނީ ރައްކާތެރިކަމާއެކު ކޮންޓެކްޓްލެސް ޕޭމަންޓް ޚިދުމަތް ދިނުމަށް ބޭންކުން ބޭނުންކުރަމުންދާ އެމްޕޮސް ޚިދުމަތްތަކުގެ ތެރެއިން ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ކޭޝްލެސް ޕޭމަންޓުގެ ޚިދުމަތް މިއަދު ތައާރަފްކޮށްދެއްވީ މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާއެވެ.

ޚިދުމަތް ތައާރަފްކޮށްދެއްވުމަށްފަހު މިނިސްޓަރ ނަހުލާ އާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔާ ވަނީ ކޮވިޑުން ރައްކާތެރިވުމަށް ބޭނުންކުރެވޭ ހޭންޑް ސެނިޓައިޒަރ އާއި ފޭސް މާސްކް ޓެކްސީ ޑްރައިވަރުންނަށް ހަދިޔާ ކުރައްވާފައެވެ. ކޭޝްލެސް ޕޭމަންޓުގެ ޚިދުމަތްދޭ ކޮންމެ ޓެކްސީއަކަށް މި ތަކެތި ހިމެނޭ ޕެކެއް ބޭންކުން ހަދިޔާ ކުރުމަށްވަނީ ހަމަޖެހިފައެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔާ ވިދާޅުވީ ފައިސާ ދެއްކުމަށް އެންމެ ފަހުގެ ޓެކްނޮލޮޖީ ރާއްޖެއަށް ފޯރުކޮށްދިނުމުގައި އިސް ދައުރެއް އަދާކުރުމަކީ ލިބޭ އުފަލެއް ކަމަށާއި މި ވަސީލަތުގެ އެހީގައި ކަސްޓަމަރުންނަށް ރައްކާތެރިކަމާ ފަސޭހަކަމާއެކު އަވަހަށް ފައިސާ ދެއްކުމުގެ މުއާމަލާތްތައް ފުރިހަމަ ކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

"ނަގުދު ފައިސާ ބޭނުންނުކޮށް ފައިސާގެ މުއާމަލާތްތައް ހިންގުން އާދައަކަށް ވެފައިވާ ދަނޑިވަޅެއްގައި، ފައިސާ ދެއްކުމުގެ ޒަމާނީ މި ޚިދުމަތް ކަސްޓަމަރުންނާއި ޑްރައިވަރުންގެ މެދުގައި މަގްބޫލު ޚިދުމަތަކަށް ވެގެންދާނެކަމަށް އުއްމީދުކުރަން. އެކުގައި މި ދަތި ދުވަސްތަކާ ކުރިމަތިލުމުގައި ބޭންކުން މުޖަތަމައަށް އެހީތެރިވުމުގައި ދެމިއޮންނާނެ." ސޯޔާ ވިދާޅުވިއެވެ.

ބީއެމްއެލް މޮބައިލްޕޭ އަކީ ކޮންމެތަނަކުންވެސް ތަކެތި ގަތުމަށްޓަކައި ފައިސާ ދެއްކުމަށް ބޭނުންކުރެވޭ ބޭންކުގެ ޑިޖިޓަލް ވޮލެޓް އެޕްލިކޭޝަނެވެ.