Last Updated: March 28, 21:55
Thursday, March 28, 2024
ވިޔަފާރި

ވިޔަފާރިތަކަށް ހާއްސަ ކޮވިޑް ރިލީފް ލޯނެއް ތައާރަފްކޮށްފި

ކޮވިޑް ރިލީފް ސަޕޯރޓްގެ ދަށުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށް ބޭންކް އޮފް މޯލްޑިވްސް އިން އިތުރު ފައިނޭންސިންގެ އެއް މިއަދު ތައާރަފްކޮށްފިއެވެ.

މިއީ ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކްގެ(އީއައިބީ) ފަންޑުގެ ދަށުން ދޫކުރެވޭ ފައިނޭންސްއެކެވެ.

ކޮވިޑް އާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކޮށްފައިވާ ނޭދެވޭ އަސަރާ ގުޅިގެން އީއައިބީ އިންވަނީ މިނިސްޓްރީ އޮފް ފިނޭންސް އާއި ބޭންކް އޮފް މޯލްޑިވްސް އާއެކު މިދިޔަ ޖޫންމަހު 20 މިލިއަން ޔޫރޯގެ ލޯން އެގްރީމަންޓެއްގައި ސޮއިކޮށްފައެވެ.

ބީއެމްއެލް އިން ބުނީ މިއީ ފަތުރުވެރިކަމާއި އެހެނިހެން ސިނާއަތްތަކުގައި ހިމެނޭ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީތެރިވުމަށާއި އިގްތިސާދުކޮޅަށް ޖެހުމުގެ ގޮތުން ހަމަޖެހިގެން ދިޔަ ފަންޑިންގ އެއް ކަމަށެވެ.

އަދި މިއީ އެކްސްޓަރނަލް ލެންޑިންގ މެންޑޭޓް(އީއެލްއެމް) ގެ ދަށުން ދޫކުރެވިފައިވާ ލޯނަކަށްވުމާއެކު ޔޫރަޕިއަން ޔޫނިއަންގެ ކޮންޕްރެހެންސިވް ގެރެންޓީގެ ދަށުން ހާއްސަ ލުއިތަކެއްވެސް ލިބިގެންދާނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

އެގޮތުން 3000 އަށް ވުރެ މަދުން މުވައްޒަފުން ވަޒީފާއަދާ ކުރާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މިއަދު ތައާރަފްކުރެވުނު އީއައިބީ ކޮވިޑް ރިލީފް ލޯނުގެ ދަށުން ލޯނަށް އެދި ހުށަހެޅޭނެއެވެ. މިގޮތުން 15.42 މިލިއަން ރުފިޔާ އާ ހަމަޔަށް ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ބީއެމްއެލް އިން ވަނީ ހުޅުވާލެވިފައެވެ.

މި ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ މިހާރު ލިބެންހުރި ލޯނުތަކަށްވުރެ ކުޑަ އިންޓަރެސްޓެއްގައި އަދި ލޯނު އަނބުރާދެއްކުމަށް މިހާރު ލޯނުތަކަށް ދެމުންދާ މުއްދަތަށް ވުރެ ދިގު މުއްދަތެއްވެސް ލިބިގެންދާނެ ކަމަށް ބީއެމްއެލް އިން މައުލޫމާތުދެއެވެ.

މި ލޯނާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ އީއައިބީ ގެ މިފަންޑުގެ ދަށުން ފަތުރުވެރިކަމުގެ ސިނާއަތާއި އަދި އެ ސިނާއަތާ ގުޅުންހުރި އެހެނިހެން ސިނާއަތްތަކުގައި ހަރަކާތްތެރިވާ ވިޔަފާރިތަކަށް ކޮވިޑް އާ ގުޅިގެން ލިބިފައިވާ ގެއްލުންތަކުން އަރައިގަތުމަށް ބޭނުންވާ ފައިނޭންސް ލިބިގެންދާނެ ކަމަށެވެ.

އަދި މިއަދު ތައާރަފްކުރެވުނު ލޯނުގެ ސަބަބުން ވިޔަފާރިތަކަށް މާލީ އެހީތެރިކަން ލިބި ކޮވިޑްގެ ސަބަބުން އިގްތިސާދަށް ލިބިފައިވާ ހީނަރުކަމުން އަރައިގަނެ، އިގްތިސާދު އަނބުރާ ކޮޅަށްޖެހުމަށް ކުރަމުންދާ މަސައްކަތްތަކަށް އިތުރު ހަލުވިކަމެއް ގެނައުމަށް މަގުފަހިވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ލޯނަށް އެދި ހުށަހެޅުމާ ގުޅޭ އިތުރު މައުލޫމާތު ބޭންކުގެ ވެބްސައިޓްގައި ޝާއިއުކުރެވޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.