Last Updated: April 19, 11:14
Friday, April 19, 2024
ޚަބަރު

ސަރުކާރުން ހުށަހެޅީ ރައްޔިތުން ދަރުވާލާނެ ބަޖެޓެއް: ޝިޔާމް

އަހުމަދު ޝިޔާމް - ފޮޓޯ: މަޖިލިސް

ސަރުކާރުން އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ ރައްޔިތުން ދަރުވާލާނެ ބަޖެޓެއް ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓު ދިރާސާ ކޮމިޓީ އަށް އޮޑިޓަރ ޖެނެރަލްގެ ބޭފުޅުން ހާޒިރުކުރި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ ގައުމުގެ ދަރަނި އިންތިހާ އަށް މަތިވަމުންދާއިރު އޮޑިޓް އޮފީހުގެ ޒިންމާތަކެއް ވެސް ހުންނާނެ ކަމަށާއި އޮޑިޓް އޮފީހުގެ ބޭނުމަކީ ސަރުކާރުން ވައްކަން ކުރުމުން އެކަން އަންގާލުން އެކަނި ކަމަށް ވެގެން ނުވާނެ ކަމަށެވެ.

އެގޮތުން ބަޖެޓާއި ގުޅިގެން އޮޑިޓް އޮފީހުން ކަންބޮޑުވުންތަކެއް ފާޅުކޮށް ރަނގަޅު ކަރުދާހެއް ހުށަހަޅާފައިވާ ކަމަށާއި ނަމަވެސް ކޮންމެ ފަހަރަކު ވެސް އޮޑިޓް އޮފީހުން ހުށަހަޅާ ކަރުދާސް އެއް ފަރާތެއްގައި ބޭއްވުމަށްފަހު ސަރުކާރުން ބޭނުން ގޮތެއް ހަދައި، ވައްކަންކޮށް ހަރަދު ކުރަން ނުޖެހޭ ދިމާލުން ހަރަދުކޮށްފައި އަދި ރައްޔިތުން ދަރުވާލަމުންދާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

އޮޑިޓް ކުރުމަކީ އޮޑިޓް އޮފީހުގެ ޒިންމާއެއް ކަމަށާއި ނަމަވެސް ބަޖެޓް ކޮމިޓީ އަށް ކަރުދާހެއް ހަމައެކަނި ހުށަހެޅުމުގެ ބަދަލުގައި އެއަށް ވުރެ ފުޅާކޮށް ބަޖެޓުގައި ހުރި ކަންބޮޑުވުންތައް ރައްޔިތުންނާއި ހަމައަށް ގެނެސްދޭންޖެހޭ ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

"މިއީ ދެކޮޅު ޖެހޭ ބަޖެޓެއް ނޫން، މިއީ ރައްޔިތުން ދަރުވާލާނެ ބަޖެޓެއް މި ބަޖެޓަކީ" ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމްގެ މި ވާހަކަތަކާ ގުޅިގެން އޮޑިޓް އޮފީހުގެ ބޭފުޅުން ވިދާޅުވީ އެ އޮފީހަށް މަސައްކަތް ކުރެވޭނީ ހަވާލުކޮށްފައިވާ މަސްއޫލިއްޔަތުތަކުގެ ތެރެއިން ކަމަށާއި އެގޮތުން ބަޖެޓާއި ގުޅޭގޮތުން އެ އޮފީހާއި ހަވާލުކޮށްފައި އޮންނަނީ މަޖިލީހަށް ފަންނީ ލަފާ އެރުވުން ކަމަށެވެ. އަދި އޮޑިޓް އޮފީހުން ބަޖެޓާއި ގުޅޭގޮތުން ތައްޔާރުކުރާ ރިޕޯޓު އާންމުންނަށް ވެސް ފެންނާނެ ކަމަށްވެސް އެ ބޭފުޅުން ވިދާޅުވިއެވެ.