Last Updated: April 23, 23:56
Wednesday, April 24, 2024
ޚަބަރު

ކުންފުނިތައް ނީލަން ކިޔުން ޔާމީން ކުށްވެރި ކުރައްވައިފި

ކުރީގެ ރައީސް ޔާމީން އާއި މުހައްމަދު ސައީދު - ފޮޓޯ: މިހާރު

ޕްރައިވަޓައިޒޭޝަންގެ ނަމުގައި ކުންފުނިތައް ނީލަން ކިޔުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ކުށްވެރި ކުރައްވައިފިއެވެ.

ޔާމީން މިކަން ކުށްވެރި ކުރެއްވިކަން ހާމަކުރެއްވީ އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި އެންމެ އިސްކޮށް ހިމެނިވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދެވެ.

ޖަމީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަދު ރައީސް ޔާމީން އާއި ބައްދަލުވިއިރު، މި ސަރުކާރުން ޖުޑީޝަރީ އަށް ނުފޫޒު ފޯރުވުމާއި، ޕްރައިވަޓައިޒޭޝަންގެ ނަމުގައި ކުންފުނިތައް ނީލަން ކިޔުން އަދި ކޮސްމެޓިކް ބަޖެޓް އެމަނިކުފާނު ކުށްވެރި ކުރެއްވި ކަމަށެވެ.

އަދި ޕީޕީއެމުން ފޯކަސް ކުރަންވީ ރައްޔިތުން ބޭނުންވާ ބަދަލު ގެނެސްދޭން ކަމަށާއި ދެންވެސް ތަރައްގީ ގެނެސްދެވޭނީ އެ ޕާޓީ އަށް ކަމަށް ޖަމީލުގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

ކުންފުނިތައް ނީލަން ކިޔުން ޔާމީން ކުށްވެރި ކުރައްވާފައިވާއިރު، އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތައް ޕްރައިވެޓައިޒްކޮށްގެން 462.6 މިލިއަން ރުފިޔާ ހޯދަން ހިމަނާފައެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތައް ޕްރައިވަޓައިޒް ކުރުމަކީ ވިއްކާލުން ނޫން ކަމަށާއި، ޕްރައިވެޓައިޒް ކުރުމުގެ ސަބަބުން ދައުލަތަށާއި އާއްމުންނަށް ލިބޭ މަންފާ އިތުރުވާނެ ކަމަށް ވިދާޅުވެފައެވެ. އަދި މި ބަދަލާއެކު ކުންފުނިތަކުގެ ހިންގުން ހަރުދަނާވެ ކޮރަޕްޝަނަށް އޮންނަ މަގު ކުޑަ ވެގެންދާނެ ކަމަށްވެސް އަމީރު ވިދާޅުވިއެވެ.

އެގޮތުން މިހާރުވެސް ސަރުކާރަށް އެންމެ ބޮޑު ފައިދާއެއް ލިބެނީ ކޯޕަރޭޓް ގަވަނެންސްގެ އުސޫލުތަކާ އެއްގޮތަށް ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކޮށްގެން ހިންގާ ކުންފުނިތަކަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.