Last Updated: April 24, 23:11
Wednesday, April 24, 2024
ޚަބަރު

ޝުޖާއު މާދަމާ ފުލުހަށް ހާޒިރު ކުރަނީ

ސުޖާއު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަނީ - ފޮޓޯ: ޕީޕީއެމް

ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު މާދަމާ ފުލުސް އޮފީހަށް ހާޒިރުކުރުން ނިންމައިފިއެވެ.

އެގޮތުން ފުލުހަށް ހާޒިރުވާން ޝުޖާއު އަށް އަންގާފައިވަނީ މާދަމާ މެންދުރު 14:30 އަށެވެ. ޝުޖާއު ހާޒިރުކުރަނީ ނޮވެމްބަރު ތިންވަނަ ދުވަހު އިދިކޮޅުން ބޭއްވި ޖަލްސާއާ ގުޅިގެންނެވެ.

ނަސްރުގެ ދުވަސް ފާހަގަކުރަން އިދިކޮޅު ޕީޕީއެމާއި ޕީއެންސީން ބޭއްވި ޖަލްސާއާ ގުޅިގެން ފުލުހުން ވަނީ ޝުޖާއު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އޭނާ އަށް ހަ ތުހުމަތެއް ކޮށްފައެވެ. ފުލުހަށް ހާޒިރުވާން އޭނާ އަށް އެންގީ އެ ތުހުމަތުތަކަށް ލިޔުމުން ޖަވާބު ދިނުމަށެވެ.

ފުލުހުން ކޮށްފައިވާ ތުހުމަތުތަކުގެ ތެރޭގައި އަމުރަށް ނުކިޔަމަންތެރިވުމާއި ވާޖިބަށް ހުރަސްއެޅުމާއި އެޗްޕީއޭގެ ގައިޑްލައިނާ ހިލާފުވުން ފަދަ ކަންކަން ހިމެނެއެވެ. ޝުޖާއު ވަނީ އެ ތުހުމަތުތަކަށް އިންކާރު ކުރައްވާފައެވެ.

ނަސްރުގެ ދުވަސް ފާހަގަކުރަން އިދިކޮޅުން ޖަލްސާ ބޭއްވީ ޕީޕީއެމް އޮފީސް ކުރިމަތީގައެވެ. އެ ހަރަކާތަކީ އެޗްޕީއޭ އިން އަމަލު ކުރަން އަންގާފައިވާ ގައިޑްލައިންތަކާ ހިލާފަށް ބޭއްވި ހަރަކާތެއް ކަމަށް ފުލުހުން ބުނެއެވެ.