Last Updated: April 20, 07:18
Saturday, April 20, 2024
ޚަބަރު

ޔާމީނަށް ކުރާ އަނިޔާއާ ދެކޮޅަށް އިދިކޮޅުން އިހުތިޖާޖަށް ނިކުންނަނީ

ފަސް އަހަރަށް ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރާ އަނިޔާއާ ދެކޮޅަށް އިދިކޮޅު ކޯލިޝަނުން އިހުތިޖާޖަށް ނިކުންނަން ނިންމައިފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިދިކޮޅު ކޯލިޝަނުގެ އެޓޯލްސް ޑިޕާޓްމެންޓުގެ ޗެއާ އަދި ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލު ވިދާޅުވީ ޔާމީން ޖަލުގައި އޮންނަވާތާ 365 ދުވަސް މި މަހުގެ 28 ވަނަ ދުވަހަށް ހަމަވާނެ ކަމަށެވެ.

އަދި ޔާމީނަށް ލިބިވަޑައިގަންނަވަމުންދާ އަނިޔާތަކަކީ އެންމެންގެ ކުރިމަތީގައި ހިނގާދިޔަ ޝަރީއަތަކުން ނުހައްގުން ނާއިންސާފުން ކުރި ހުކުމަކުން ލިބެމުންދާ އަނިޔާތަކެއް ކަމަށާއި މިއަދާއި ހިސާބަށް އައިއިރު ވެސް ޔާމީންގެ އެއްވެސް ހައްގެއް ހިމާޔަތް ކުރެވިފައި ނުވާ ކަމަށް ނިމާލް ވިދާޅުވިއެވެ.

މީގެއިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތިބި ޔާމީނަށް ތާއީދުކުރައްވާ ރައްޔިތުން އެމަނިކުފާނުގެ ތަރައްގީ އަށް ބޭނުންވެފައިވާ މިންވަރު ފެންނަމުންދާ ކަމަށާއި އެގޮތުން އެ ރައްޔިތުން ބޭނުންވަނީ ޔާމީންގެ ހައްގުގައި މި މަހުގެ 28 ވަނަ ދުވަހުގެ ހަވީރު 4 ޖަހާއިރު ސަރުކާރަށް މި އަޑުތައް އިއްވުމަށްޓަކާ އިހުތިޖާޖުކުރަން ކަމަށް ނިމާލް ވިދާޅުވިއެވެ.

އެގޮތުން "އަނިޔާއާ ދެކޮޅަށް ރާއްޖެ" މި ނަމުގައި ކުރިއަށްގެންދާ އިހުތިޖާޖު ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް ކުރިއަށްދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ ދުވަހުން ފެށިގެން ސިލްސިލާ ގޮތެއްގައި އެ ހަރަކާތް ކުރިއަށް ގެންދާނެ ކަމަށްވެސް ނިމާލް ވިދާޅުވިއެވެ.

ޔާމީން ފަސް އަހަރަށް ޖަލަށްލި މައްސަލައިގެ ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވާއިރު އެ މައްސަލަ މިހާރު އޮތީ ހުކުމާއި ހަމައަށް ގޮސްފައެވެ. އަދި ޔާމީންގެ މައްޗަށް ދައުލަތުން ވަނީ އިތުރު އާ ދެ ދައުވާއެއް އުފުލާފައެވެ.