Last Updated: April 19, 22:14
Friday, April 19, 2024
ޚަބަރު

ބީއެމްއެލްގެ އެހީއާއެކު އއ.އަތޮޅު ތައުލީމީ މަރުކަޒުގެ ލައިބްރަރީ ތަރައްގީކޮށްފި

ބޭންކް އޮފް މޯލްޑިވްސްގެ ކޮމިއުނިޓީ ފަންޑުން ރަސްދޫގައި ހުންނަ އއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ލައިބްރަރީއެއް ތަރައްގީކޮށްފިއެވެ.

ބީއެމްއެލް އިން ބުނީ ކޮމިއުނިޓީ ފަންޑުގެ ޕްރޮޕޯސަލް ކާމިޔާބުކުރި، އިސްމާޢިލް ޝިމާއު ހިންގި މި ޕްރޮޖެކްޓުން ލައިބްރައީއަށް ބޭނުންވާ އިތުރު ފޮތާއި ފޮތްހަރުގަނޑުގެ އިތުރުން ފަރުނީޗަރު ހޯދައިދެވިފައިވާ ކަމަށެވެ. މި ގޮތުން ހަދިޔާގެ ގޮތުގައި ލިބުނު ފޮތާއެކު ޖުމްލަ 1000 އަށް ވުރެ ގިނަ ފޮތް ލައިބްރަރީއަށް އިތުރުކޮށްދެވިފައިވާ ކަމަށާއި މި ފޮތްތަކުގެ ތެރެއިން 500 އަށް ވުރެ ގިނަ ފޮތަކީ ކޮމިއުނިޓީ ފަންޑުގެ ދަށުން ގަނެވުނު ފޮތް ކަމަށް ބީއެމްއެލް އިން ބުނެއެވެ.

މި މަސައްކަތުގެ ޕްރޮޕޯސަލް ކާމިޔާބުކުރި ޝިމާއު ބުނީ އއ. އަތޮޅު ތަޢުލީމީ މަރުކަޒަކީ 235 ކުދިން ތައުލީމް ހާސިލް ކުރަމުން އަންނަ ސްކޫލެއް ކަމަށާއި ސްކޫލްގެ ހާލަތަށް ބަލާލާއިރު ކުދިން ބޭނުން ކުރަން ހުރި ލައިބްރަރީގެ ގިނަ ފޮތްތައް ހުރީ ބާވެފައި ކަމަށެވެ.

"ޖާގަ ތަނަވަސްކަމެއް ހުރި ނަމަވެސް ފޮތް އިތުރުކޮށް ލައިބްރަރީ އަށް ފަރުނީޗަރުވެސް ބޭނުންވޭ. ކޮމިނިއުޓީ ފަންޑުގެ ދަށުން އަޅުގަނޑު ބޭނުންވީ ލައިބްރަރީ އަށް އިތުރު ފުރިހަމަކަމެއް ގެނެސް ކުދިން ފޮތް ކިޔުމަށް ސަމާލުކަންދީ މިކަމަށް ޝައުގުވެރިކުރުވުމަށް. މިގޮތުން ފޮތް ރެކުތައް އާ ކުރުމާއެކު ކުދިން ކިޔާނެ އާ ފޮތްތަކާއި ފޮތް ކިޔަން ތިބެވޭނެ ފަސޭހަ ގޮތް ގާއިމް ކުރުމަށް ބޭނުންވީ. މި ފުރުސަތުގައި މި ޕްރޮޖެކްޓް ކާމިޔާބުކަމާއެކީ ނިންމާލުމުގައި ޢާއިޝަތު އަޒްލީނާ ކޮށްދެއްވި ބުރަ މަސައްކަތް ފާހަގަކޮށް ޝުކުރު ދަންނަވަން. މިއީ އަތޮޅު ތައުލީމީ މަރުކަޒުގައި ކިޔަވަމުންދާ އެންމެހާ ކުދިންނަށް ލިބުނު ވަރަށް އަގުބޮޑު ހަދިޔާ އަކަށް ވެގެންދާނެ." ޝިމާއު ބުންޏެވެ.

ބީއެމްއެލްގެ މެނޭޖަރ ޕްބިލްކ ރިލޭޝަންސް މުޙައްމަދު ސަޢީދު ވިދާޅުވީ ތައުލީމީ ދާއިރާ އަކީ ކޮމިއުނިޓީ ފަންޑުގެ ދަށުން ހޮވޭ ޕްރޮޖެކްޓްތައް މެދުވެރިކޮށް އަޅުގަނޑުމެން އެހީފޯރުކޮށްދޭ އަދި ހަމައެހެންމެ ހާއްސަ ސަމާލުކަމެއްދޭ އެއް ދާއިރާ ކަމަށެވެ.

އަދި މި ޕްރޮޖެކްޓުގެ ދަށުން އއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އެލްކޭޖީ އިން ފެށިގެން ގްރޭޑް 10 ގައި ކިޔަވަމުންދާ ދަރިވަރުންން ބޭނުންކުރާނެ ފޮތް ހޯދައިދެވިފައިވާ ކަމަށާއި ފޮތްތަކުގެ އިތުރުން ލައިބްރަރީ އަށް އިތުރު ފުރިހަމަކަމެއް ގެނެވިފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އުއްމީދަކީ މިއީ ދެމެހެއްޓެނެވި ގޮތެއްގައި މުޖުތަމައަށް ފައިދާކުރާނެ ޕްރޮޖެކްޓަކަށްވެގެން ދިޔުން." ސައީދު ވިދާޅުވިއެވެ.

ކޮމިއުނިޓީ ފަންޑުގެ ދަށުން މިއަހަރުގެ މިހާތަނަށް 10 ޕްރޮޖެކްޓެއް ހިންގުމަށް މާލީ އެހީތެރިކަން ދެވިފައިވާއިރު، މިހާރު ހުށަހެޅިފައިވާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު 10 ޕްރޮޕޯސަލް ހޮވައި ކޮންމެ ޕްރޮޕޯސަލްއެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50,000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.