Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ދައުލަތާއެކު ހެދި އެއްބަސްވުމާއެކު 32 ދައުވާއަށް ޒިޔަތު އިއުތިރާފްވެއްޖެ

ކުރީގެ ނައިބް ރައީސް އަހުމަދު އަދީބާއި، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޒިޔަތު -- ފޮޓޯ: މުހައްމަދު ޝަރުހާން (ރާއްޖެއެމްވީ)

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ހިޔާނާތާއި ގުޅިގެން އެ ކުންފުނީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ޒިޔަތުއާއެކު ދައުލަތުން ހެދި އެއްބަސްވުމާއެކު އޭނާގެ މައްޗަށް އުފުލާފައިވާ 32 ދައުވާ އަށް އިއުތިރާފްވެއްޖެއެވެ.

މިކަން ހާމަވެފައިވަނީ ޅ. މާބިންހުރާގެ ދޫކޮށްގެން ދައުލަތަށް ލިބުނު ފައިސާއަށް ހިޔާނާތްތެރިވި މައްސަލައިގައި ކްރިމިނަލް ކޯޓުން ޒިޔަތަށް އިއްވި އަށް އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން މިއަދު ބޭއްވި އަޑުއެހުމުގައެވެ.

ސުޕްރީމް ކޯޓުގައި މިއަދު ކުރިއަށްދިޔަ އަޑުއެހުމުގައި ދައުލަތުގެ ވަކީލާ ވިދާޅުވީ ޅ މާބިންހުރާ ޙިޔާނާތާ ގުޅިގެން ޒިޔަތުގެ މައްޗަށް ކޮށްފައިވާ ޙުކުމާ ގުޅޭ މައްސަލަ ހިމެނޭ ގޮތަށް އޭނާގެ މައްޗަށް އުފުލާފައިވާ 32 ދައުވާއަށްވެސް އިއުތިރާފްވެފައިވާ ކަމަށެވެ.

އަދި އެމްއެމްޕީއާރްސީ ތަހުޤީޤަށް އެއްބާރުލުން ދޭން ބޭނުންވާ ކަމަށް ބުނެ ޒިޔަތުގެ ފަރާތުން ސިޓީއެއް ހުށަހަޅާފައިވާ ކަމަށް ވަކީލާ ވިދާޅުވިއެވެ. އަދި އިސްތިއުނާފް ކުރި މައްސަލަ އަނބުރާ ގެންދަން ޒިޔަތު ބޭނުންވާ ކަމަށްވެސް ވިދާޅުވިއެވެ.

މިއަދުގެ އަޑުއެހުމުގައި ޒިޔަތު ވަނީ އިސްތިއުނާފްގެ މައްސަލަ އަނބުރާ ގެންދަން ބޭނުންވީ އެއްވެސް ފަރާތެއްގެ ނުފޫޒެއް އޮވެގެން ނޫން ކަމަށް ބުނެފައެވެ.

މާބިންހުރާ މައްސަލައިގައި ޒިޔަތަށް އަށް އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ނަމަވެސް އޭނާ ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ ގޭބަންދުގަ އެވެ.