Last Updated: April 19, 19:29
Friday, April 19, 2024
ޚަބަރު

ވައްކަމާއި ފޭރުން އިތުރުވާތީ މަޖިލީހަށް މައްސަލައެއް

ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު - ފޮޓޯ: މަޖިލިސް

ވައްކަމާއި ފޭރުން އިތުރުވާތީ ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ.

މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު އެވެ. މި މައްސަލަ ބަލައިގަތުމަށް 24 މެމްބަރުން ވޯޓު ދީފައިވެއެވެ.

ނިހާދު ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ ވައްކަން އާންމުވެ، އަނދެގެން އޮންނަ ކަނޑިކި ހެނދުނު އިރުއަރާއިރު އޮންނާނެ ކަމާއި މެދު ޝައްކު އުފެދޭ ހިސާބަށް ގައުމުގެ ހާލަތު ގޮސްފައިވާ ކަމަށެވެ. އަދި ގޯތި ތެރޭގައި ހުންނަ ގަހުގައި އޮންނަ ކެޔޮގަނޑު ނުވަތަ ރުކުގައި އޮންނަ ކުރުނބާ އިހާ ކަނޑައިގެން ގޭ މީހުން ކުރިމަތިން ރޯމާ ދުވާލު ގެންދާއިރު ކުރެވޭނެ ކަމެއް ނެތިފައި ތިބެންޖެހިފައިވާ ކަމަށްވެސް އެ މައްސަލައިގައި ބުނެފައިވެއެވެ.

އަދި ގޯތިތެރޭގައި ހައްދާފައި ހުންނަ މާ ގަސް ނުވަތަ ހަރުކޮށްފައި ހުންނަ އެއާކޮންޑިޝަން ނުވަތަ ދޮވެ އަވީގައިލާފައިވާ ތެލި ތާސް ވެސް ލޯކުރިމަތިން ގެންދާ ކޮންމެ ފަހަރަކު އެކަމެއް ކަމާބެހޭ ފަރާތްތަކަށް ރިޕޯޓު ކުރެވުނު ނަމަވެސް ގިނަ ފަހަރަށް ހެކި ނެތުން ކަމަށް ބުނެ މައްސަލައާ ގުޅޭގޮތުން އެއްވެސް ސުވާލެއް ނުކުރެވި ނުވަތަ އެފަދަ މައްސަލައެއްގައި މީހަކު ހައްޔަރުކުރި ނަމަވެސް ޖެހިގެން އަންނަ ދުވަހަކު ދޫކޮށްލާ ކަމަށްވެސް ބުނެފައިވެއެވެ.

މިފަދައިން މި ކަންކަން ތަކުރާރުވެ ވައްކަން ކުރުން އާންމު ކަމަކަށް ވެފައިވާ މި ދަނޑިވަޅުގައި، ރައްޔިތުން ގޮތް ހުސްވެފައި ވީހިނދު، މިފަދަ އަމަލުތައް ރެޔާއި ދުވާލު ހިންގުމަށް ކެނޑިނޭޅި އުޅޭ މަދު ކުދިންކޮޅަކީ ކޮބައިކަމާއި، އެ ކުދިންނަކީ ކުށުގެ ރެކޯޑު މަތި މައްޗަށް އޮންނަ ކުދިން ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނާއިރު ފިޔަވަޅު ނޭޅި، ހައްލު ނުލިބި މިފަދަ ވައްކަންތައް ކުރުމަށް އެ ކުދިންނަށް ލައިސެންސެއް ލިބޭ އުސޫލުން ވައްކަން ކުރަމުންދާ ކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން މިކަމަށް އަވަސް ހައްލެއް ބޭނުންވާ ކަމަށާއި، މިނިވަންކަމާއެކު ވައްކަން ކުރެވޭނެ މާހައުލެއް އޮތް ކަމަށް ގަބޫލުކޮށް އެކަން އިތުރު ދަރަޖައަކަށް ގެންގޮސް، ގޭގެ ގޯތިތެރެއަށް ވަދެ މަންމަ ނުވަތަ ދައްތަގެ ކަރުގައި ވަޅި ޖެއްސުމަށްފަހު ފޯނާއި، ފައިސާ އާއި ރަން ފަށް ފޭރިގަތުމާއި، ފައިސާ ފޮއްޗެއް ގެންގުޅޭނެހެން ހީވާ މުސްކުޅިއެއް ޒުވާނަކަށް ބެލުމެއް ނެތި ރަހީނުކުރުމުގެ އަމަލުތައް ވެސް އިތުރުވެފައިވާކަން ފާހަގަކޮށްފައިވެއެވެ.

އަދި މިފަދަ ކަންކަން ކޮންޓްރޯލް ނުކޮށްފިނަމަ މިއީ ކޮވިޑް-19 އަށް ވުރެ ބިރުބޮޑު ކަމަކަށް ވުމަކީ ދުރު ކަމެއް ނޫން ކަމަށްވެސް ނިހާދުގެ މައްސަލައިގައި ބުނެފައިވެއެވެ.