Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

އޯޕީޑީތައް ހިންގޭ ވަރަށް ވުރެ އައްޑޫ ހޮސްޕިޓަލް ކުޑަ: ސޯލިހު

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް، މާލެއިން ބޭރުގައި ގާއިމް ކުރާ ފުރަތަމަ ޓާޝަރީ ހޮސްޕިޓަލް.، ފޮޓޯ: ޝަރަފް/ އައްޑޫލައިވް

އޯޕީޑީތައް (ޑޮކްޓަރުން ބަލާ ކޮޓަރިތައް) ހިންގޭ ވަރަށް ވުރެ އައްޑޫ އިކްއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ކުޑަ ކަމަށް އެ ހޮސްޕިޓަލުގެ ސީއީއޯ ޑރ. މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އައްޑޫ ހޮސްޕިޓަލުން މިހާތަނަށް ފާހަގަކުރެވުނު މައްސަލަތައް "އައްޑޫ ލައިވް" އާއި ހިއްސާކުރަމުން ސޯލިހު ވިދާޅުވީ އައްޑު ހޮސްޕިޓަލް މިހާރު ވެސް ކުޑަވެފައިވާ ކަމަށާއި އެގޮތުން އެ ހޮސްޕިޓަލުގެ ރޫމްތައް ހުރީ ކޮންމެ ސްޕެޝަލިޓީ އަކަށް ދެ އޯޕީޑީ ހިންގޭ ވަރަށް ކަމަށެވެ.

މިކަން ހައްލުކުރަން އެހެން ދިމާލަކަށް ބަލަންޖެހޭ ކަމަށާއި އެގޮތުން ޖެނެރަލް ޕްރެކްޓިސް އޯޕީޑީތައް ކޮވިޑް-19 އަށް ނަގާފައިވާ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ބަދަލުކުރަން ވިސްނާފައިވާ ކަމަށް ސޯލިހު ވިދާޅުވިއެވެ.

"މިކޮޅަކު އަސްލު ޖާގައެއް ނެތް އެކަހަލަ އޯޕީޑީސްތައް ރަން ކުރަން. އެހެންވީމަ މިހާރުވެސް އަޅުގަނޑު ދަންނަވާނީ ތަން ކުޑަވެއްޖެއޭ. މިހާރުއްސުރެ ވިސްނަން އެބަޖެހޭ" ސޯލިހު ވިދާޅުވިއެވެ.

މީގެއިތުރުން ސޯލިހު ވަނީ ހޮސްޕިޓަލުގެ ވެއިޓިން ލިސްޓު ނުވަތަ ކިޔޫ ކުޑަކުރުމަށް އައްޑޫގެ އެހެނިހެން ހެލްތު ސެންޓަރުތަކުގައި ވެސް އޯޕީޑީސްތައް ހިންގުމަށް ވިސްނަމުންދާ ކަމަށްވެސް ވިދާޅުވެފައެވެ. އެ ބަދަލު ގެނައުމުން އިމެޖެންސީ ކަމެއްގައި މެނުވީ ހިތަދޫ އަށް އަންނަން ނުޖެހޭނެ ކަމަށާއި ނަމަވެސް އެ ބަދަލުތައް ގެނެވޭނީ އިތުރު ޑޮކްޓަރުންނާއެކުގައިކަން ސޯލިހު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން ކިޔޫ ލިސްޓު ކުޑަކުރަން އެޕޮއިންޓްމެންޓް ދެމުންދާ ގޮތް ވެސް ބަދަލުކުރަންޖެހޭ ކަމަށްވެސް ސޯލިހު ވިދާޅުވިއެވެ.