Last Updated: April 20, 13:48
Saturday, April 20, 2024
ޚަބަރު

އީސީގެ މެންބަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި

އިލެކްޝަންސް ކޮމިޝަނުގެ ބޭއްވި ހަފްލާއެއްގެ ތެރެއިން - ފޮޓޯ: ސަން

އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ރައީސް އޮފީހުން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މި މަހުގެ 30، ޑިސެންބަރު 1 އަދި 2 ވަނަ ދުވަހު ހެނދުނު 09:30 އިން މެންދުރު 12:30 އާ ދެމެދު ރައީސް އޮފީހުން ކަމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓް https://presidency.gov.mv އިން ޑައުންލޯޑް ކުރެއްވޭނެއެވެ.

އީސީގެ މެމްބަރު ކަމަށް ކުރިމަތިލާން ހުޅުވާލީ ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކާ ގުޅިގެން އެ ކޮމިޝަނުގެ މެމްބަރު ކަމުގައި ހުންނެވި އަހުމަދު އަކްރަމް މިދިޔަ ބުރާސްފަތި ދުވަހު މަގާމުން އިސްތިއުފާ ދެއްވާފައިވާތީއެވެ.

އަކްރަމް އިސްތިއުފާ ދެއްވީ އެ މައްސަލައާ ގުޅިގެން އޭނާ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކޮށްފައިވަނިކޮށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަކްރަމް ފޮނުއްވި އިސްތިއުފާގެ ސިޓީގައި ވަނީ އޭނާގެ މައްޗަށް ތުހުމަތުކޮށް މަޖިލީހުގެ ކޮމިޓީ އަށް ހުށަހަޅާފައިވާ މައްސަލައަކީ ވަކި ބައެއްގެ ރޭވުމެއްގެ ތެރެއިން ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް ހުށަހަޅާފައިވާ މައްސަލައެއް ކަމަށް ވިދާޅުވެފައެވެ.

އަދި އެކަން ހިނގާދިޔަ ގޮތުގެ ތަފްސީލީ މައުލޫމާތު ހެއްކާ އެކު މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއާ ހިއްސާކޮށްފައިވާނެ ކަމަށްވެސް އަކްރަމްގެ ސިޓީގައި ބުނެފައިވެއެވެ.