Last Updated: April 18, 22:36
Friday, April 19, 2024
ޚަބަރު

އިމްރާންގެ އިތުބާރު ނެތް ކަމަށް ފާހެއް ނުވި

މިނިސްޓަރު އިމްރާން އަބްދުﷲ - ފޮޓޯ: މަޖިލިސް

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގެ އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލަ ފާސްނުވާ ކަމަށް ކަނޑައަޅައިފި އެވެ.

އެގޮތަށް ކަނޑައެޅީ އިމްރާންއާ އެއްކޮޅަށް މިއަދު 53 މެންބަރުން ވޯޓު ދެއްވުމާ ގުޅިގެންނެވެ. އިމްރާންގެ އިތުބާރު ނެތް ކަމަށް ވޯޓު ދެއްވީ 11 މެމްބަރުންނެވެ.

މި މައްސަލަ މަޖިލީހަށް ހުށަހެޅީ އިދިކޮޅު ޕީޕީއެމް/ޕީއެންސީން އިސްނަގައިގެންނެވެ. އެގޮތުން މި މައްސަލަ މަޖިލީހަށް ވެއްދީ 11 މެމްބަރުންގެ ސޮޔާއެކުއެވެ.

މި މައްސަލަ މަޖިލީހަށް ވެއްދީ ހުޅުމާލެ ފަޅުގައި އޮތް ސަފާރީގައި ކެންޔާ އަންހެނަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުވާ މައްސަލައިގައި، އެކަމަކީ އާދައިގެ ކަމެއް ކަމަށް ސިފަވާގޮތަށް އިމްރާން ވާހަކަ ދެއްކުމުންނާއި މަޖިލީހަށް ދޮގު މައުލޫމާތު ދިން ކަމަށް ބުނެ އެވެ.

އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅިގެން މިއަދު މަޖިލީހަށް ވަޑައިގެން އިމްރާން ވިދާޅުވީ މި މައްސަލައަކީ ބަހަނާއެއް ކަމަށާއި އަދި މިއީ ނުވާ ކަމެއް ވުޖޫދުކޮށްގެން، ސިޔާސީ މަސްރަހު ހަލަބޮލިކޮށް، ސަރުކާރު ބަލިކަށިކޮށް، ހަލަބޮލިކަމުގެ ހިޔަނީގައި މި ސަރުކާރުން ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ހޯދި ކާމިޔާބު ފުރޮޅާލުމަށް ކޮށްފައިވާ ތުހުމަތެއް ކަމަށެވެ.

އަދި ސަފާރީ ކޭސްގެ މައުލޫމާތު ސިޔާސީ ބަޔަކު އަޑީގައި ތިބެގެން، ސިޔާސީ ބޭނުމަކަށް އެ މައްސަލައިގެ ހަގީގަތް އޮޅޭގޮތަށް މައުލޫމާތު ފަތުރާފައިވާ ކަމަށާއި ނަމަވެސް އެއްވެސް މިންވަރަކަށް އެއްވެސް އަންހެނަކަށް ގޯނާއެއް، ފުރައްސާރައެއްކޮށްގެން ނުވާނެ ކަމަށް އިމްރާން ވިދާޅުވިއެވެ.

މީގެއިތުރުން އިމްރާން ވަނީ އިތުބާރު ނެތްކަމުގެ މައްސަލަ ގުޅެނީ ސާފުކޮށް ރައްޔިތުން އެދޭފަދަ ވެރިކަމެއް ރާއްޖޭގައި ގާއިމުކުރަން އޭނާ އަދާކޮށްފައިވާ ދައުރާއި މެދު ކަމަށްވެސް ވިދާޅުވެފައެވެ. އަދި ކޮންމެ އަނިޔާވެރި ވެރިކަމެއްގެ ހިޔަނީގައި ނާޖާއިޒު ނުފޫޒާއި މުއްސަނދިކަން ލިބިގަންނަ ބަޔަކު އަބަދުވެސް ތިބޭނެ ކަމަށާއި އަދި އެފަދަ ވެރިކަމެއް ނިމިގެންދާ ކޮންމެ ފަހަރަކު އެ ވެރިކަމުގެ ފަސްބައިގައި އެލިގެން ތިބޭ ބަޔަކު އަދުލު އިންސާފަށް ހުރަސް އަޅާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ނަމަވެސް އޭނާ ހުންނެވީ ދޫ ދެއްވާ ގޮތަކަށް ނޫން ކަމަށާއި އެގޮތުން ރައްޔިތުންގެ މާލިއްޔަތުން ނެގި ފައިސާއާ ގުޅޭ މައްސަލަ ބަލައި، ސިޔާސީ ގޮތުން ކުރިމަތިކުރާ ފިއްތުންތަކުގެ ސަބަބުން ޖަލު ބަންދުގައި ހުންނަންޖެހޭ މީހަކު ނެރެދިނުމުގެ މޭސްތިރިއަކަށް ވެވަޑައިގަންނަވާ ބޭފުޅަކަށް ނުވާނެ ކަމަށްވެސް އިމްރާން ވިދާޅުވިއެވެ.