Last Updated: April 19, 17:23
Friday, April 19, 2024
ޚަބަރު

ބްރިޖަށް ވުރެ މަސްތުވާތަކެތިން ޒުވާނުން ސަލާމަތްކުރުން މުހިއްމު

ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު - ފޮޓޯ: މަޖިލިސް

ބްރިޖް އެޅުމަށް ވުރެ މަސްތުވާތަކެތީގެ ވަބާއިން ޒުވާނުން ސަލާމަތްކުރަން ރަނގަޅު ރީހެބެލިޓޭޓް ސިސްޓަމެއް ގާއިމުކުރަން ފައިސާ ހަރަދުކުރުން މުހިއްމު ކަމަށް ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

ނިހާދު މިހެން ވިދާޅުވީ ވައްކަމާއި ފޭރުން އަދި ރަހީނުކުރުމުގެ މައްސަލަތައް އިތުރުވާތީ މަޖިލީހަށް އޭނާ ވެއްދި މައްސަލައަށް ބަހުސް ކުރައްވަމުންނެވެ.

އެގޮތުން ނިހާދު ވިދާޅުވީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ކުދިންނަށް ރީހެބެލިޓޭޓް ވާނެ ފުރުސަތެއް ހޯދައިދޭންޖެހޭ ކަމަށާއި އެގޮތުން މިއަދު އެންމެ ބޮޑު އިންވެސްޓްމެންޓެއް ކުރަން ޖެހެނީ މާލެ އައި ވިލިމާލެއާ ދެމެދު ބްރިޖެއް އަޅަން ނުވަތަ އައްޑޫގެ މަގުތައް ހަދަން ނޫން ކަމަށެވެ.

"އަޅުގަނޑުމެންގެ ޅަ ދަރީން، ޖީލެއް ހަލާކުވެގެންދާ މިކަމުން މި ކުދިން ސަލާމަތްކުރުމަށްޓަކާ ރަނގަޅު ރީހެބެލިޓޭޝަން ސިސްޓަމެއް ގާއިމުކުރަން ޖެހެނީ. މަސްތުވާތަކެތީގެ ވިޔަފާރިކޮށް އެތެރެކުރާ މީހުން ހިފާ ހައްޔަރުކުރަން ޖެހެނީ. ރަނގަޅު ނިޒާމެއްގެ ތެރެއިން މި ކުދިން އަނބުރާ މުޖުތަމައު އަށް ނިކުމެ، ވަޒީފާ އަދާކޮށްގެން ރީތި ގޮތުގައި އުޅެވޭނެ ކުދީންނަށް ހަދައިދޭން ޖެހެނީ" ނިހާދު ވިދާޅުވިއެވެ.

ގެއެއްގެ ފުރާޅަށް ގާ ބުރިއެއް އެއްލައިގެން ކޯޓަށް ވައްދާ މައްސަލަ ނުނިމި ހަތަރު، ފަސް އަހަރު ވެގެންދާ ކަމަށާއި އޭގެ ސަބަބުން އެ ޒުވާނާ އަށް ވަޒީފާއެއް ނުލިބޭއިރު ދެން އޭނާ މަގުމަތިވެ، ކަންމަތީ ގްރޫޕްތަކާއި ގުޅި އެހެން ކަންކަން ކުރަން ފަށާ ކަމަށްވެސް ނިހާދު ވިދާޅުވިއެވެ.

"އޭގެ ސަބަބުން އަޅުގަނޑުމެންގެ ދަރީން މީގެ ތެރެއަށް ވަންނަން މިޖެހެނީ، ސިސްޓަމުގައި ހުރި މި މައްސަލަ އެބަޖެހޭ ހައްލުކުރަން. ހައްލުކޮށްގެން މެނުވީ އަޅުގަނޑުމެންގެ ދަރީންނަށް މާދަމާގެ މުސްތަގުބަލެއް ހޯދައެއް ނުދެވޭނެ" ނިހާދު ވިދާޅުވިއެވެ.