Last Updated: April 19, 06:56
Friday, April 19, 2024
ޚަބަރު

ދޯނި ހައިޖެކް ކުރުން: އިންސާފު ނުލިބި ގިނަ ދުވަސްވާތީ ނާޒިލްގެ ކަންބޮޑުވުން

ލ. ވަޑިނޮޅި ކައިރީ އެން ހިފަން އުޅެނިކޮށް ތޫނު އެއްޗެއްސާއި އެކު "ފަސްކުރި" ދޯންޏަށް އެރި މައްސަލައިގައި ފަޅުވެރިންނަށް އިންސާފު ނުލިބި ގިނަ ދުވަސްވާތީ އެކަމާ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ދޯނި ހައިޖެކް ކުރި މައްސަލައިގައި 16 މީހަކު ހައްޔަރުކުރި ނަމަވެސް މިދިޔަ މަހުގެ 31 ވަނަ ދުވަހު އެމީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އެ އެންމެން ދޫކޮށްލާފައެވެ. އެމީހުން ދޫކޮށްލި މައްސަލަ އިސްތިއުނާފް ކޮށްދިނުމަށް ޕީޖީ އޮފީހުގައި އެދިފައިވާނެ ކަމަށް ފުލުހުން ބުނެއެވެ.

ވައްކަމާއި ފޭރުން އަދި ރަހީނުކުރުމުގެ މައްސަލަތައް އިތުރުވާތީ މަޖިލީހަށް މިއަދު ހުށަހެޅި މައްސަލައިގެ ބަހުސްގައި ނާޒިލް ވިދާޅުވީ އެ ހާދިސާއާ ގުޅިގެން އެ ދޯނީގެ ކެޕްޓަނާއި ފަޅުވެރިންނާއި ވާހަކަ ދެއްކި ކަމަށާއި މީގެކުރިން ދުވަހަކު ވެސް ދެކެފައި ނުވާފަދަ ކަމެއް ހިނގުމުން ހުރިހާ ފަޅުވެރިން ވެސް ތިބީ ބިރުވެރިކަމެއްގެ ތެރޭގައި ަކމަށެވެ.

ނަމަވެސް މިކަން ހިނގިތާ މަސް ދުވަސް ވާން ކައިރިވެފައިވާއިރު، އެ ދޯނީގައި ތިބި ފަޅުވެރިންނަށް އިންސާފެއް ނުލިބިގެން އުޅެނީ ކީއްވެގެންތޯ ނާޒިލް ވަނީ ސުވާލުކުރައްވާފައެވެ. އަދި ކުރިއަށް އޮތް ތަނުގައި އިންސާފު ލިބޭނެ ކަމަށް ގަބޫލުކުރެވޭ ހާލަތަށް ވެސް މަސައްކަތް ނުގެންދާ ކަމަށް ފަޅުވެރިން ބުނަމުންދާ ކަމަށްވެސް ނާޒިލް ވިދާޅުވިއެވެ.

މީގެއިތުރުން ވައްކަމާއި ފޭރުން ކަންމަތީ ފިހާރައިން ފެށިގެން މާކަނޑަށް މިހާރު ފެތުރިފައިވާ ކަމަށާއި އެގޮތުން ދޯންޏަކަށް އަރައި އެ ދޯނީގެ ފަޅުވެރިން ކަނޑަށް ފުންމާލަން އަންގައި ދޯނި ހިފައިގެން ރައްކާވާ ހިސާބަށް ގައުމުގެ ހާލަތު ގޮސްފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ކީއްވެގެންތޯ މި ހާލަތު ރަނގަޅު ނުކުރެވެންވީ؟ ނުކުރެވެންވީ ސަބަބެއް ނެތް. މި ސަރުކާރު އައީ އަމާން ޖީލެއް، އަމާން ވެއްޓެއް ހޯދައިދޭން ވައުދުވެގެން" ނާޒިލް ވިދާޅުވިއެވެ.

"ފަސްކުރި" ދޯންޏަކީ މީގެ ދެ އަހަރު ކުރިން ލ.ގަމު މީހަކު ޔޮޓް ޓުއާސްއަށް 7 މިލިއަން ރުފިޔާއަށް ވިއްކާފައިވާ ދޯންޏެކެވެ. އެ ދޯނީ ވިއްކި މީހާ ބުނީ ލ. އަތޮޅަށް ދޯނި ވަނުމުން ސުލްހަވެރިކަމާއި އެކު ދޯންޏަށް އަރައި، ދޯންޏާއި ހަވާލުވެފައިވާ ކަމަށެވެ. އަދި ދޯނި ހައިޖެކް ކުރި ވާހަކަ އޭނާ ދޮގު ކުރެއެވެ.

ނަމަވެސް ދޯނީގެ ފަޅުވެރިން އެވާހަކަ ދޮގު ކުރެއެވެ. ދޯނީގެ ފަޅުވެރިން ބުނީ ގާތްގަޑަކަށް 27 މީހުންގެ ބޮޑު ގްރޫޕަކުން ދޯންޏަށް އެރީ ތޫނު ހަތިޔާރާއި އެކު ކަަމަށެވެ. އަދި އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށާއި ދޯނިން ނުފައިބާނަމަ "ކޮށާލާނެ" ކަމުގެ އިންޒާރު ވެސް ދިން ކަމަށް ފަޅުވެރިން ބުނެއެވެ.