Last Updated: April 19, 22:45
Saturday, April 20, 2024
ޚަބަރު

އޭއީއެޗްގެ ކިޔޫ ކުޑަކޮށް، އިތުރު ހިދުމަތްތަކެއް ތައާރަފްކުރަނީ

އައްޑޫ އިކްއަޓޯރިއަލް ހޮސްޕިޓަލަށް (އޭއީއެޗް) ޑޮކްޓަރަށް ދެއްކުމާއި އަދި އެ ނޫން ވެސް ޚިދުމަތްތައް ހޯދުމުގެ ކިޔޫ ކުޑަކުރުމަށް ފިޔަވަޅުތައް އަޅައި، އިތުރު ހިދުމަތްތައް އަންނަ އަހަރު ތައާރަފްކުރަން ނިންމައިފިއެވެ.

އޭއީއެޗްގެ ސީއީއޯ ޑރ. މުހައްމަދު ސޯލިހު "އައްޑޫ ލައިވް" އާއި ވާހަކަދައްކަވަމުން ވިދާޅުވީ އަންނަ އަހަރަށް ކަންތައްތަކެއް ފަށަން ނިންމާފައި އެބަހުރި ކަމަށާއި އެގޮތުން ކާޑިއޮލޮޖީގެ ހިދުމަތް މިހާރަށް ވުރެ ހަރުދަނާކޮށް، ކެތް ލެެބެއް ގާއިމުކޮށް، އެ ކެތް ލެބުން ހިތުގެ ބަލިތަކުގެ މީހުންނަށް އިތުރު ހިދުމަތްތަކެއް ލިބޭނެ އިންތިޒާމު ހަމަޖެއްސުން ހިމެނޭ ކަމަށެވެ.

"ދެން ވިސްނުން އެބަހުރި ޖެނެރަލް ޕްރެކްޓިސް ސާވިސް އެއް އެސްޓަބްލިޝްކުރުން. މިހާރު އެބަތިބޭ އެންސީޑީޒްއޭ ކިޔާ ބަލިތައް. ހައިޕަރޓެންޝަން، ޑައިބެޓީސް މިކަހަލަ ބަލިތަކުގެ ޕޭޝަންޓުން އެބަތިބޭ. އެ ޕޭޝަންޓުން މިހާރު އާންމުކޮށް އެމީހުން އަމިއްލަ އަށް ތިމަންނަ މިހާރު ޑޮކްޓަކަށް ދައްކަން ވެއްޖެޔޭ، އެގޮތަށް ވިސްނައިގެން ކޮންމެވެސް ފިޒީޝަނަކަށް ގެންގޮސް މިދައްކަނީ. އެއީ އެ ކަންތައް ދާންޖެހޭ އެންމެ ރަނގަޅު ގޮތެއް ނޫން" ސޯލިހު ވިދާޅުވިއެވެ.

ސޯލިހު ވިދާޅުވީ އެ ކަންކަން ބަދަލުކޮށް، އަމިއްލަ އަށް ޕޭޝަންޓުން ގެންނަ ކަހަލަ ވިސްނުމެއް ގެންގުޅޭ ކަމަށެވެ. އެގޮތުން ތިން މަހުން އެއް މަހު އެފަދަ ޕޭޝަންޓުން ގެނެސް އެ މީހުން ހަދަންޖެހޭ ޓެސްޓުތައް ހަދައިދިނުމުގެ ކަންކަން ވަކި އިންތިޒާމެއްގެ ދަށުން ކުރަން ރާވާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން އަންނަ އަހަރަށް ވުރެ ވެސް ކުރީން އައްޑޫގެ އެކި ހެލްތު ސެންޓަރަށް އޭއީއެޗްގެ ޑޮކްޓަރުން ގޮސް އޯޕީޑީތަކެއް ހިންގުމަށް ރޭވިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޭއީއެޗްގައި މިހާރު އެންމެ ބޮޑަށް ދިމާވެފައިވާ އެއް މައްސަލައަކީ ޑޮކްޓަރަށް ދެއްކުމަށް ދިގު ކިޔޫއެއް އޮތުން ކަމަށްވާއިރު ސޯލިހު ވިދާޅުވީ ކިޔޫ ދިގުވުމުގައި ތަފާތު އެކި ސަބަބުތައް އެބަހުރި ކަމަށާއި އެގޮތުން އެކަން ހައްލުކުރަން އެޕޮއިންޓުމެންޓްތައް ދެވެމުންދާ ގޮތް ވެސް ހަރުދަނާ ކުރަންޖެހޭ ކަމަށެވެ.

އަދި ކިޔޫ ކުޑަކުރަން ޑޮކްޓަރުން މިހާރު ތިބި އަދަދު ވެސް އިތުރުކުރަންޖެހޭ ކަމަށާއި އެކަމަށް މިހާރުވެސް މަސައްކަތް ފަށާފައިވާކަން ސޯލިހު ވިދާޅުވިއެވެ. އަދި އެހެނިހެން ހެލްތު ސެންޓަރުތަކުގައި އޯޕީޑީތައް ހިންގަން ފެށުމަކީ ވެސް ކިޔޫ ކުޑަވާނެ ކަމެއް ކަމަށާއި އޭރުން ހިތަދޫ އަށް އަންނަން ޖެހޭނީ ހަމައެކަނި އެމެޖެންސީ ހާލަތްތަކުގައި އެކަނިކަން ސޯލިހު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން ސޯލިހު ވަނީ ވަކި ޑޮކްޓަރަކަށް ދައްކަން އާދަވުވުމުގެ ވިސްނުމެއް ދިވެހިންގެ ހުންނަ ކަމަށާއި އެގޮތަށް ވާނަމަ އެ ޑޮކްޓަރުގެ ވެއިޓް ލިސްޓް ކުޑަކުރެވޭނެ ގޮތެއް ނޯންނާނެ ކަމަށްވެސް ވިދާޅުވެފައެވެ. ނަމަވެސް މިހާރު ކުރަން ރާވާފައިވާ ކަންކަން ކުރުމުން ކިޔޫ ކުޑަކުރެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.