Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު

ޔުނިފޯމް ބޭނުންވާ ކުދިންނަށް ހަދިޔާކުރަން ހިތަދޫ ސްކޫލުން ޕްރޮގްރާމެއް

އައްޑޫ ސިޓީ ހިތަދޫ ސްކޫލުން "ޔުނިފޯމް އެކްސްޗޭންޖް" ޕްރޮގްރާމެއް ފަށައިފިއެވެ.

ހިތަދޫ ސްކޫލުން މިއަދު ބުނީ މި އަހަރު ދަރިވަރުން ސްކޫލްގެ އޮފިޝަލް ޔުނިފޯމް ބޭނުންކޮށްފައި ވަނީ ވަރަށް މަދު ދުވަސްކޮޅެއްގައި ކަމަށްވާތީ ޔުނިފޯމު ހުންނާނީ އާކޮށް ކަމަށް ބެލެވޭ ކަމަށެވެ. ނަމަވެސް ކުދިންގެ ހެދިބޮޑުވުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އަންނަ އަހަރު ޔުނިފޯމް ބޭނުން ނުކުރެވޭނެ ގިނަ ދަރިވަރުންތަކެއް ތިބޭނެ ކަމަށް ސްކޫލުން ބުނެއެވެ.

އެގޮތަށް ހުރި ބޭނުން ނުކުރެވޭ ޔުނިފޯމްތައް އެއްލާލުމުގެ ބަދަލުގައި، ބޭނުންވާ ފަރާތަކަށް ހަދިޔާކުރުމަކީ ވަރަށް ރަނގަޅު ކަމެއް ކަމަށާއި، އެކަމަށް އެހީތެރިވުމުގެ ގޮތުން ގަސްތުކުރަނީ ޔުނިފޯމް "އެކްސްޗޭންޖް" ޕްރޮގްރާމެއް ފެށުމަށް ހިތަދޫ ސްކޫލުން ހާމަކުރެއެވެ.

އެގޮތުން ދަރިވަރުންނަށް ސައިޒުން ކުޑަވެފައިވާ ޔުނިފޯމުތައް ސްކޫލަ ހަވާލުކޮށްދިނުމުން، ޔުނިފޯމް ބޭނުންވާ އެހެން ބެލެނިވެރިންނަށް ޔުނިފޯމް ލިބޭނެ އިންތިޒާމް ސްކޫލުން ހަމަޖައްސައިދޭނެ ކަމަށް ވަނީ ބުނެފައެވެ.

އެގޮތުން ފިރިހެން ކުދިންގެ އޮފިޝަލް ޔުނިފޯމުގައި ހިމެނޭ ގަމީސް، ފަޓުލޫނު، ޓައި، އަންހެން ކުދިންގެ ޔުނިފޯމުގައި ހިމެނޭ މަތި އަދި ތިރި ވެސް އެކްސްޗޭންޖު ކުރެވޭނެ އެވެ. އަދިސްކޫލު ބޫޓާއި، އިސްޓަކީނު، އެކްޓިވިޓީ ޔުނިފޯމް ވެސް އެކްސްޗޭންޖް ކުރެވޭނެ ކަމަށް ހިތަދޫ ސްކޫލުން ބުނެއެވެ.

ހިތަދޫ ސްކޫލުން ވަނީ ސްކޫލާއި ހަވާލުކުރާއިރު ޔުނިފޯމް ރީތިކޮށް ފަތް ޖަހައި ނުވަތަ ކޮނޑެއްގައި އަޅުވާފައި ހަވާލުކޮށްދިނުމަށް އެދިފައެވެ.