Last Updated: April 18, 22:36
Friday, April 19, 2024
ވިޔަފާރި

މިހާތަނަށް 110 ގެސްޓުހައުސްއެއް ހުޅުވުމުގެ ހުއްދަ ދީފި

މިހާތަނަށް 100 އަށް ވުރެ ގިނަ ގެސްޓުހައުސް ހުޅުވުމުގެ ހުއްދަ އަލުން ދީފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ކޮވިޑް-19 އާއި ގުޅިގެން މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ގެސްޓް ހައުސްތައް ބަންދުކޮށްފައިވަނީ މިދިޔަ މާރޗުމަހުގެ 17 ވަނަ ދުވަހުއެވެ. އަދި އަލުން ގެސްޓްހައުސްތައް ހުޅުވާފައިވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހު އެވެ.

ޓޫރިޒަމްގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަދުގެ ނިޔަލަށް 110 ގެސްޓުހައުސްއެއް އަލުން ހުޅުވުމުގެ ހުއްދަ ވަނީ ދޫކޮށްފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ މީހުން ދިރިއުޅޭ ރަށްތަކުގައި ހިންގާ ގެސްޓު ހައުސްތައް ހުޅުވާއިރު އެރަށްތަކުގައި ދިރިއުޅޭ މީހުން މާސްކު އަޅަން ޖެހޭނެ ކަމަށް ބުނެފައެވެ.

އެގޮތުން ޓޫރިޒަމް މިނިސްޓްރީ އިން ވަނީ ގެސްޓްހައުސް ވިޔަފާރިކުރާ ރަށްރަށުގެ ރައްޔިތުންނަށް މާސްކް ހަދިޔާކުރަން ނިންމާފައެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ގެސްޓްހައުސްތައް ހުޅުވި ނަމަވެސް މާލެ ސަރަހައްދުގެ ގެސްޓްހައުސްތައް އަދި ހުޅުވާފައެއް ނުވެއެވެ. ނަމަވެސް އަންނަ މަހުގެ މެދުތެރޭގައި އެ ގެސްޓްހައުސްތައް ހުޅުވުމަށް ހުއްދަ ދޫކުރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު އަބްދުﷲ މައުސޫމް ވަނީ ވިދާޅުވެފައެވެ.