Last Updated: April 24, 23:11
Wednesday, April 24, 2024
ވިޔަފާރި

ބީއެމްއެލް އިން 65 މީހަކަށް ވީލްޗެއާ ހަދިޔާކޮށްފި

ބޭންކް އޮފް މޯލްޑިވްސް އިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ހިނގާބިނގާވެ އުޅުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އިތުރު 65 މޮޓޮރައިޒްޑް ވީލް ޗެއަރ ހަދިޔާކޮށްފިއެވެ.

ބީއެމްއެލް އިން ބުނީ ބޭންކުން 2017 ވަނަ އަހަރު ފެށި މި ޕްރޮގްރާމުގެ އަމާޒަކީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިނގާބިނގާވެ އުޅުމަށް ދަތިވެފައިވާ އަދި އަމިއްލައަށް މިފަދަ ވީލްޗެއަރ ބޭނުންކުރެވޭނެ ކޮންމެ މީހަކަށް ވީލްޗެއަރ އެއް ހަދިޔާ ކުރުން ކަމަށެވެ. މި ޕްރޮގްރާމުގެ ދަށުން މިހާތަނަށް 100 އަށް ވުރެ ގިނަ ވީލްޗެއަރ ހަދިޔާ ކުރެވި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމަށް ބީއެމްއެލް އިން ވަނީ އެހީތެރިވެދީފައެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ މިފަދަ ހާއްސަ މޮޓޮރައިޒްޑް ވީލްޗެއަރ ހަދިޔާކުރެވި، އެތަކެއް އާންމު ފަރުދުންގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެނައުމަށް އެހީތެރިވެވޭކަމީ ލިބޭ އުފަލެއް ކަމަށެވެ.

"އަަޅުގަނޑުމެންގެ އަމާޒަކީ ވީހާވެސް ގިނަ ފަރުދުންނަށް ވީލްޗެއަރ ހަދިޔާކޮށް، އެފަރާތްތަކުގެ އާންމު ދިރިއުޅުމުގެ ކަންކަން ފުރިހަމަ ކުރުމަށް ފުރުސަތު ހޯދައިދިނުން. މިފަދަ ދަތި އުދަނގޫ ދަނޑިވަޅެއްގައިވެސް ވީލްޗެއަރ ހަދިޔާ ކުރުމަށް އަޅުގަނޑުމެންގެ މުވައްޒަފުން ކުރަމުންދާ ބުރަ މަސައްކަތްތައް ފާހަގަކޮށް ޝުކުރު އަދާކުރަން" ބީއެމްއެލްގެ ސީއީއޯ ވިދާޅުވިއެވެ.

ބީއެމްއެލް އިން ބުނީ އަމާޒަކީ މިއަހަރު ތެރޭގައި 39 ރަށަކަށް 65 މޮޓޮރައިޒްޑް ވީލް ޗެއަރ ހަދިޔާކުރުން ކަމަށެވެ. މި 65 ވީލްޗެއަރ އާއެކު ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިނގާބިނގާވެ އުޅުމަށް ދަތިވެފައިވާ 140 އަށް ވުރެ ގިނަ ފަރުދުންނަށް އެހީތެރިކަން ފޯރުކޮށްދެވިގެންދާނެ ކަމަށް ބީއެމްއެލް އިން މައުލޫމާތުދެއެވެ.