Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

އަންހެނުންނަށް ލިބޭ އަނިޔާތަކަށް އިންސާފު ހޯދައިދިނުމަށް ސަރުކާރު ފެއިލްވެއްޖެ

އަންހެނުންނަށް ލިބޭ އެކިއެކި އަނިޔާތަކަށް އިންސާފު ހޯދައިދިނުމުގައި ސަރުކާރު ފެއިލްވެފައިވާ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނެފިއެވެ.

އަންހެނުންނަށް ކުރާ އަނިޔާތަކާ ދެކޮޅަށް ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ދުވަހާއި ގުޅިގެން އިދިކޮޅުން ނެރުނު ބަޔާނެއްގައި ބުނީ މިފަދަ ދުވަހެއް ފާހަގަ ކުރަމުންދާއިރު އަންހެނުންނަށް އެކި ގޮތްގޮތުން ލިބެމުންދާ އަނިޔާތަކަށް އިންސާފު ނުލިބި ނުފޫޒާއި ބާރުގެ ބޭނުންކޮށްގެން އެފަދަ މައްސަލަތައް މަޑުޖެހިފައިވާތީ ކަންބޮޑުވުން ފާޅުކުރާ ކަމަށެވެ.

އަދި ޖިންސީ ފުރައްސާރައިގެ ޝިކާރައަކަށްވާ އަންހެނުންނަށް އިންސާފު ހޯދައިދިނުމުގައި މިސަރުކާރުގެ ހަމަހަމަކަމެއް ނެތުމާއި، އެފަރާތްތަކަށް އިންސާފު ހޯދައިދިނުމަށް ނުކުޅެދިފައިވާތީ އެކަން ކުށްވެރިކުރާ ކަމަށާއި ސަރުކާރުގެ އެންމެ މަތީ ފަންތީގައި ޖިންސީ ފުރައްސާރައާއި ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ކުރެވޭ ފަރާތްތައް ވަރަށް މިނިވަންކަމާއެކު މުޖްތަމަޢުގައި ޙަރަކާތްތެރި ވަމުންދާ ކަމަށްވެސް ބުނެފައިވެއެވެ.

"ޤާނޫނު ނަގަހައްޓާ ތަންފީޒު ކުރުމުގެ ޒިންމާ މަތިކޮށްފައިވާ ވަޒީރުން އަންހެނުންގެ ޙައްޤަށް އުނިކަންލިބޭ އަދި އިންސާފު ޤާއިމްކުރުމަށް ނުފޫޒު ފޯރުވާފަދަ މޭރުމުން ވާޙަކަދައްކަމުންދާކަމީ މިއަދުގެ ސަރުކާރުން އަންހެނުންނަށް އިޙްތިރާމް ނުކުރާކަމާއި، އަންހެނުންނަށް ލިބޭ އެކިއެކި އަނިޔާތަކަށް އިންސާފު ހޯދައިދިނުމުގައި ފެއިލްވެފައިވާކަން ހާމަވާކަމެކެވެ. މި ސަރުކާރުގެ ދޯހަޅި އަދި ހަމަހަމަ ކަމެއްނެތް ސިޔާސަތުތަކުގެ ސަބަބުން އަންހެނުންނަށް ލިބެމުންދާ އަނިޔާތަކަށް އިންސާފު ނުލިބި، އެކަނބަލުންގެ ޙައްޤުތައް ކަށަވަރު ނުކުރެވުމުގެ ބިރުވެރިކަން އިންތިހާއަށް އޮތުމަކީ ބިރުވެރި މެސެޖެއްގެ ގޮތުގައި މި ކޯލިޝަނުން ދެކެމެވެ" އެ ބަޔާނުގައި ވެއެވެ.

މީގެއިތުރުން ކޯވިޑް19 އާއި ގުޅިގެން، އަންހެނުންނަށް ކުރާ އަނިޔާތައް ރިޕޯޓްކުރާ މިންވަރު ވަރަށްބޮޑަށް އިތުރުވެފައި ކަމަށާއި އޭގެ ތެރޭގައި ޢުމުރުން ދުވަސްވީ އަންހެނުންނާއި، އެކަނިވެރި މައިންނާއި، ނުކުޅެދުންތެރިކަން ހުންނަ އަންހެނުންނާއި، ވަޒީފާއަދާކުރާ އަންހެނުންގެ އިތުރުން އަންހެން ކުދިންގެ ނިސްބަތް އިތުރުވެފައިވާކަމީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށްވެސް ބުނެފައިވެއެވެ.

އަދި މިފަދަ ޙާލަތެއްގައި މިފަރާތްތަކަށް ހަމަހަމަކަމާއެކު އިންސާފު ޤާއިމްކޮށްދިނުމަށް ސަރުކާރަށް ގޮވާލާ ކަމަށާއި އަންހެނުންނަށް ކުރާ އަނިޔާތަކާ ދެކޮޅަށް މަސައްކަތްކުރުމުގައި ހަރުދަނާ ނިޒާމެއް ޤާއިމްކޮށް، މިފަދަ ކަންކަން އެންމެ ރަނގަޅަށް ބެލެހެއްޓޭނެ އުސޫލުތައް އެކަށައެޅުމަށްވެސް ސަރުކާރަށް ވަނީ ގޮވާލާފައެވެ.

"ކޯވިޑް 19އާއި ގުޅިގެން މަގުމަތިވެ، ޙާލުގައި ޖެހި އަނިޔާއަށް ހުށާއެޅެމުންދާ އަންހެނުންގެ ޢަދަދު އިތުރުވަމުންދާކަންވެސް ފާހަގަކުރެވެއެވެ. އެހެންކަމުން އެފަދަ ފަރާތްތަކަށްވެސް ފުރިހަމަ ރައްކާތެރިކަން ހޯދައިދިނުން އަވަސްކުރުމަށް ގޮވާލަމެވެ" އެ ބަޔާނުގައި ވެއެވެ.