Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

ކޮވިޑަށް ކުރި ހަރަދުތައް 2.7 ބިލިއަން ރުފިޔާ އަށް

:ހުޅުމާލެ މެޑިކަލް ފެސިލިޓީ - ފޮޓޯ ހެލްތު މިނިސްޓްރީ

ކޮވިޑް19 އާއި ގުޅިގެން މިހާތަނަށް ސަރުކާރުން ކުރި ހަރަދު 2.7 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.

ކޮންމެ ހަފްތާއެއްގައި ފިނޭންސް މިނިސްޓްރީން އާއްމުކުރާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި މަހުގެ 19 ވަނަ ދުވަހާ ހަމައަށް ކޮވިޑާ ގުޅޭ ސިއްހީ ކަންކަމަށް 1.3 ބިލިޔަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. އެގޮތުން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީންނެވެ. އެ ސެންޓަރުން 871.8 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. ދެވަނަ އަށް އެންމެ ބޮޑު ހޭދައެއް ކޮށްފައިވާ ހެލްތު މިނިސްޓްރީން 210.3 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.

ޑިޒާސްޓާ މެނޭޖުމަންޓު ފަންޑުން މިހާތަނަށް 84.06 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާއިރު ޕްލޭނިން މިނިސްޓްރީން ވަނީ 37 މިލިއަން ރުފިޔާ ހަރަދު ކޮށްފައެވެ. ޓޫރިޒަމް އެކްޓިވިޓީސް އިމްޕްލިމެންޓޭޝަން ފަންޑުން 29 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާއިރު އެންމެ ބޮޑު ހަރަދެއް ކޮށްފައި ވަނީ މިބައްޔަށް ފަރުވާ ކުރަން ބޭނުންވާ ތަކެއްޗާއި، ޓެސްޓު ކިޓާއި ޕީޕީއީ ހޯދުމަށެވެ. އެގޮތުން 527.9 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.

ވެންޓިލޭޓަރުތައް ހޯދުމަށާއި، ކަރަންޓީން ފެސިލިޓީތަކާއި އައިސޮލޭޝަން ފެސިލިޓީތައް ތަރައްޤީކުރުމަށް ވެސް ސަރުކާރުން ދަނީ ބޮޑެތި ޚަރަދުތަކެއް ކުރަމުންނެވެ. އެގޮތުން މިހާތަނަށް މިކަމަށްވަނީ 198.5 މިލިއަން ރުފިޔާ ހަރަދު ކޮށްފައެވެ.