Last Updated: April 19, 06:56
Friday, April 19, 2024
ޚަބަރު

ހައިކޯޓާއި ކްރިމިނަލް ކޯޓަށް އިސް ފަނޑިޔާރުން އައްޔަންކޮށްފި

ކްރިމިނަލް ކޯޓްގެ އިސް ފަނޑިޔާރާއި ޖޭއެސްސީގެ ރައީސް ހިސާން - ފޮޓޯ: ޖޭއެސްސީ

ޖުޑީޝަލް ސާވިސް ކޮމިޝަނުން (ޖޭއެސްސީ) ހައިކޯޓާއި ކްރިމިނަލް ކޯޓަށް އިސް ފަނޑިޔާރުން މިއަދު އައްޔަން ކުރައްވައިފިއެވެ.

އެގޮތުން ހައިކޯޓުގެ އިސް ފަނޑިޔާރު ކަމަށް ޖޭއެސްސީން އައްޔަން ކުރެއްވީ ހާތިފް ހިލްމީ އެވެ. އަދި ކްރިމިނަލް ކޯޓަށް އައްޔަން ކުރެއްވީ އަހުމަދު ޝަކީލު އެވެ.

އެ ދެ ބޭފުޅުންނަށް އިސް ފަނޑިޔާރުކަމުގެ ފަތްކޮޅު އެރުއްވީ ޖޭއެސްސީގެ ރައީސް ހިސާން ހުސެއިން އެވެ.

ހައިކޯޓަށް އައްޔަން ކުރެއްވި ހާތިފް ހިލްމީ އަކީ އިންގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވަސިޓީ އިން ބެޗްލާފް އޮފް ލޯ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން ސިވިލް ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި 10 އަހަރު އަދި ހައި ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި 11 މަސް ހިދުމަތްކުރައްވާފައިވެ އެވެ.

އަދި ޝަކީލް ވަނީ ވިލާ ކޮލެޖުން ބެޗްލާ އޮފް ޝަރީއާ އަދި ޝަރީއާއިން މާސްޓާސް ހާސިލުކުރައްވާފަ އެވެ. މީގެ އިތުރުން ޝަކީލަކީ ފަނޑިޔާރުކަމުގައި 17 އަހަރުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެއްކަމަށް ޖޭއެސްސީން މައުލޫމާތުދެ އެވެ.

ގާޒީ ޝަކީލް މީގެ ކުރިން ވަނީ ޖުވެނައިލް ކޯޓާއި ސިވިލް ކޯޓު އަދި ފެމިލީ ކޯޓުގައި މަސައްކަތް ކުރައްވާފަ އެވެ.