ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ޖަލަށްލިތާ އެއް އަހަރު ފުރުމާ ދިމާކޮށް އިދިކޮޅުން ކަނޑުމަތީގައި ހަރަކާތެއް ބޭއްވުމަށް ނިންމައިފިއެވެ.
މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ޔާމީން ފަސް އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު 28 ވަނަ ދުވަހުއެވެ. އެ ދުވަހާއި ދިމާކޮށް އިދިކޮޅުން އަންނަނީ ރާއްޖޭގެ ހުރިހާ ސަރަަހައްދެއްގައި ވެސް ހަރަކާތްތައް ހިންގަން ތައްޔާރުވަމުންނެވެ.
އެ ހަރަކާތްތަކާ ގުޅިގެން މިއަދު ފުލުހަށް ހާޒިރުވުމަށްފަހު ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ އަންނަ ހޮނިހިރު ދުވަހު މާލޭގައި ހިންގާނެ ހަރަކާތަކީ ކަނޑުމަތީގައި ހިންގާނެ ހަރަކާތެއް ކަމަށެވެ.
އަދި ހަމަ އެ ދުވަހު ރާއްޖޭގެ 185 ރަށެއްގައި އިހުތިޖާޖުތައް ކުރިއަށްދާނެ ކަމަށާއި، މިއީ ސިޔާސީ ކަމެއްގެ ގޮތުގައި ނުދެކި އެ އިހުތިޖާޖުތަކުގައި ބައިވެރިވުމަށް ޝިޔާމް ވަނީ ރައްޔިތުންނަށް ގޮވާލާފައެވެ.
"މިއީ ސިޔާސީ ކަމެއް ނޫން، މިއީ ގައުމީ ކަމެއް. ގައުމީ ކަންތައްތަކުގައި މިކުރާ މަސައްކަތުގައި ހުރިހާ ދިވެހި ރައްޔިތުން ވެސް ބައިވެރިވުމަކީ ވަރަށް ބޮޑު އެދުމެއް" ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ އިދިކޮޅުން ހަރަކާތްތައް ކުރިއަށް ގެންދާނީ ގާނޫނީ އިމުގެ ތެރެއިން ކަމަށާއި އަދި މިވަގުތުގެ ހާލަތުގައި އެޗްޕީއޭ އިން ނެރެފައިވާ ގައިޑްލައިންތަކާއި ވެސް އެއްގޮތަށް ކަމަށެވެ.
ޔާމީން ފަސް އަހަރަށް ޖަލަށްލި މައްސަލައިގެ ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވާއިރު އެ މައްސަލަ މިހާރު އޮތީ ހުކުމާއި ހަމައަށް ގޮސްފައެވެ. އަދި ޔާމީންގެ މައްޗަށް ދައުލަތުން ވަނީ އިތުރު އާ ދެ ދައުވާއެއް އުފުލާފައެވެ.