Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

އިބްރާހިމްފުޅުގެ އާއިލާ އަށް ރައީސް ތައުޒިޔާ ފޮނުއްވައިފި

އަލްމަރްޙޫމް އިބްރާހީމް ޙުސައިންފުޅާއި ރައީސް ސޯލިހު - ފޮޓޯ: ރައީސް އޮފީސް

އަލްމަރްޙޫމް އިބްރާހީމް ޙުސައިންފުޅަކީ، ސަރުކާރަށް ޚިދުމަތް ކުރެއްވުމުގައި ރީތި ނަމޫނާއެއް ދެއްކެވި އަދި ތުޅާދޫގެ ރައްޔިތުންގެ ލޯތްބާއި އިޙްތިރާމް ހޯއްދަވާފައިވާ ބޭފުޅެއް ކަމުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވެފައިވަނީ، އިބްރާހީމް ޙުސައިންފުޅު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމާ ގުޅިގެން، އިބްރާހީމް ޙުސައިންފުޅުގެ ލޮބުވެތި އަނބިކަނބަލުން ޚަދީޖާ އިބްރާހީމަށް ފޮނުއްވި ތަޢުޒިޔާގެ ސިޓީފުޅުގައެވެ.

އެގޮތުން އިބްރާހީމް ޙުސައިންފުޅު އަވަހާރަވުމަކީ، ތުޅާދޫގެ ލޮބުވެތި ރައްޔިތުންނަށް އަދި ޚާއްޞަކޮށް، ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ލިބުނު ހިތާމައެއް ކަމުގައިވެސް ރައީސް ވިދާޅުވެފައިވެއެވެ.

ރައީސްގެ ސިޓީފުޅުގައި، މި ހިތާމައިގައި ބައިވެރިވެވަޑައިގެން ޚަދީޖާ އިބްރާހީމަށާއި، އިބްރާހީމް ޙުސައިންފުޅުގެ ލޮބުވެތި ބޭފުޅުންނަށާއި، ޢާއިލާގެ މެންބަރުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ވިދާޅުވެފައިވެއެވެ.

އަލްމަރްޙޫމް އިބްރާހީމް ޙުސައިންފުޅަކީ، ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ޚާއްޞަކޮށް، ތުޅާދޫ ސްކޫލަށް 40 އަހަރަށްވުރެ ދިގު މުއްދަތެއްގައި ވަރަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެއްކަމަށް ރައީސްގެ ސިޓީފުޅުގައި ވިދާޅުވެފައިވެއެވެ.

އަދި އިބްރާހީމް ޙުސައިންފުޅަކީ، ތުޅާދޫގެ ވަރަށްގިނަ އަދަދެއްގެ ދަރިވަރުންގެ ލޮބުވެތި އުސްތާޛަކަށްވުމާއެކު، ކުޑަކުދިންނަށް ޤުރްއާން ކިޔަވައިދެއްވުމުގައްޔާއި، ޤުރްއާން ހިތުދަސްކޮށްދެއްވުމަށް ދެއްވި އަހަންމިއްޔަތާއި، އެރޮނގުން ކޮށްދެއްވި މަސައްކަތްޕުޅުތައް ރައީސުލްޖުމްހޫރިއްޔާ ޚާއްޞަގޮތެއްގައި ފާހަގަކުރައްވާފައިވެއެވެ.