Last Updated: April 18, 22:36
Thursday, April 18, 2024
ޚަބަރު

ފުލުހުން ލައްވައި އިމްރާން ކުރުވާ ކަންކަން ތަހުގީގު ކުރާނަން: އިދިކޮޅު

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ - ފޮޓޯ: މަޖިލިސް

ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ އިސްކޮށް ހުންނަވައިގެން ފުލުހުން ލައްވާ ހިންގަމުންގެންދާ ގާނޫނާއި ހިލާފު ކަންކަން ޕީޕީއެމް/ޕީއެންސީ ގެ ވެރިކަމެއްގައި ތަހުގީގު ކުރާނެ ކަމަށް އެ ކޯލިޝަނުން ބުނެފިއެވެ.

އެ ކޯލިޝަނުން މިހެން ބުނެފައިވަނީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ޝަރީޢަތުގެ އަޑުއެހުން ނިންމާލުމަށްފަހު އެމަނިކުފާނު އަނބުރާ ގެންދިޔަ ވަގުތު ޖުމްހޫރީ މައިދާން ސަރަހައްދަށް އެމަނިކުފާނު ދެކިލަން ދިޔަ ކަނބަލުންގެ ތެރެއިން ތެރެއިން ތިން ކަނބަލަކަށް މިއަދު ފުލުހުން ހަމަލާދިނުމާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ.

އިދިކޮޅުން ބުނީ އެ ހަމަނުޖެހުމުގައި ޕީޕީއެމްގެ ކައުންސިލް މެމްބަރެއްގެ ބޯފަޅައިގެންގޮސް އަނގަމަތި ފަޅައިގެން ދިއުމާއި އެހެން ކައުންސިލް މެމްބަރެއްގެ ފައިގައި ތަޅާ އަނިޔާކޮށްފައިވުމާއި ޢުމުރުން ދުވަސްވީ ސަޕޯޓަރެއްގެ އަތްތިލަ މަށައިގެންގޮސް އުނަގަނޑަށްވެސް އަނިޔާތަކެއް ވެފައިވާ ކަމަށެވެ.

"މިއަދު މިހިންގި ލާއިންސާނީ ޢަމަލު މި ކޯލިޝަނުން ހަރުކަށި ޢިބާރާތުން ކުށްވެރި ކުރަމެވެ. މިއަދު އެސަރަޙައްދަށް ދިޔަ ކަނބަލުންނަކީ އެއްވެސް ކަހަލަ ހަމަނުޖެހުމެއް ހިންގާ މަސްލަޙަތު ގެއްލުވާލަން މަސައްކަތްކުރި ބައެއްވެސް ނޫނެވެ" އެ ބަޔާނުގައި ވެއެވެ.

އަންހެނުންނަށްކުރާ އަނިޔާތަކާ ދެކޮޅަށް ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ 16 ދުވަސް އިއްޔެ ފާހަގަކުރަން ފެށިއިރު، މިއަދު އަންހެނުންނަށް މިފަދަ އަނިޔާ ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި މިކަމުން އަންގައިދެނީ މިސަރުކާރުން ދައްކާ ވާހަކައާއި ޢަމަލު ދިމާ ނުވާކަން ކަމަށްވެސް އިދިކޮޅުން ބުނެއެވެ.

އަދި އަންހެނުންތަކެއްގެ ގަޔަށް އަތްލައި މިގޮތަށް ޢަމަލުކުރުމަކީ ފުލުހުން ޢަމަލުކުރަން އޮންނަ އުޞޫލާ ޚިލާފު ކަމެއް ކަމަށްވެސް ބުނެފައިވެއެވެ.

"މިއަދު ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ އިސްކޮށް ހުންނަވައިގެން ފުލުހުން ލައްވާ ހިންގަމުން މިގެންދާ ޤާނޫނާ ޚިލާފު ލާއިންސާނީ ޢަމަލުތައް ޕީޕީއެމް/ ޕީއެންސީގެ ސަރުކާރެއްގައި ވަރަށް ރަނގަޅަށް ބަލައި ތަޙްޤީޤުކުރާނެ ވާހަކަ ދަންނަވަމެވެ" އިދިކޮޅުން ބުނެއެވެ.

އަދި ފުލުހުންގެ މުއައްސަސާއާއި ފުލުހުންގެ އަގުވެއްޓޭފަދަ ގޮތަށް ޤަވައިދާ ޚިލާފަށް ޢަމަލުކުރުމަށް ފުލުހުންނަށް އަމުރުނުކުރުމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދަށް ވެސް އެ ބަޔާނުގައި ވަނީ ގޮވާލާފައެވެ.