Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

މިނިސްޓަރު މާރިޔާ ލަންކާ އަށް ވަޑައިގަންނަވަނީ

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ - ފޮޓޯ: ރައީސް އޮފީސް

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ސްރީލަންކާ އަށް ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިއްޖެއެވެ.

ޑިފެންސް މިނިސްޓްރީން ބުނީ މާރިޔާގެ މި ދަތުރުފުޅަކީ މި މަހުގެ 27 އިން 28 ގެ ނިޔަލަށް، ލަންކާގެ ކޮލޮމްބޯގައި ބޭއްވުމަށް ހަމަޖެހިފައިވާ 4 ވަނަ "އެންއެސްއޭ ލެވަލް މީޓީން އޮން ޓްރައިލޭޓަރަލް މެރިޓައިމް ސެކިއުރިޓީ ކޯޕަރޭޝަން" ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

މިއީ ލަންކާގެ ސެކްރެޓަރީ އޮފް ޑިފެންސްގެ ރަސްމީ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

6 އަހަރުގެ މެދުކެނޑުމަކަށްފަހު ބާއްވާ މި ބައްދަލުވުމުގައި އިންޑިއާގެ ކަނޑުގެ ސަރަހައްދަށް ސަލާމަތީ ގޮތުން ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ބެހޭގޮތުން، ރާއްޖޭގެ އިތުރުން އަވަށްޓެރި އިންޑިއާ އާއި ލަންކާގެ އެންމެ މަތީ ފަންތީގެ ސެކިއުރިޓީ އެޑްވައިޒަރުން މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

މި ބައްދަލުވުމުގެ އޮބްޒާވަރުންގެ ތެރޭގައި ބަންގްލަދޭޝް، މޮރިޝަސް އަދި ސީޝެލްސް ހިމެނެއެވެ.