Last Updated: April 25, 17:15
Thursday, April 25, 2024
ޚަބަރު

މަގުމަތިވާ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދޭން ފަށައިފި

ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ - ފޮޓޯ: މިހާރު

މާލޭގައި މަގުމަތިވާ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ޖެންޑާ މިނިސްޓްރީން އަލުން ފަށައިފިއެވެ.

ޖެންޑާ މިނިސްޓްރީން ބުނީ މާލެގެ އެކި ސަރަހައްދުތަކުގައި ބޯހިޔާވަހިކަމެއް ނެތި ދިރިއުޅެމުންދާ ފަރާތްތަކަށް ބޭނުންވާ އަސާސީ ޙައްޤުތައް ކަށަވަރު ކޮށްދިނުމާއި އެފަރާތްތަކަށް ބޭނުންވާ އިޖުތިމާޢީ ރައްކާތެރިކަން ދިނުމުގެ މަޤުސަދުގައި ކަމާގުޅުންހުރި ދާއިރާތަކާއިއެކު މަސައްކަތްތައް ކުރެވެމުންދާ ކަމަށެވެ.

އެގޮތުން މިފަދަ ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އަނެއްކާވެސް ފެށިފައިވާ ކަމަށް މިނިސްޓްރީން ބުނެފިއެވެ.

ޖެންޑާ މިނިސްޓްރީން ބުނީ މާލޭގައި ބޯހިޔާވަހިކަމެއް ނެތި ދިރިއުޅެމުންދާ ފަރާތްތަކާއި ގުޅޭ މައްސަލަތައް ރިޕޯޓް ކުރުމަށް ޚާއްސަ ކުރެވިފައިވަނީ މިނިސްޓްރީގެ ހޮޓްލައިން ނަންބަރު 1421 އަށް ކަމަށް މިނިސްޓްރީން ބުނެއެވެ.

ކޮވިޑް-19 އާއި ގުޅިގެން މިދިޔަ އޭޕްރީލް މަހު މާލޭގައި އިއުލާންކުރި ލޮކްޑައުންއާ ގުޅިގެން މަގުމަތިވި 500 އަށް ވުރެ ގިނަ ފަރާތްތަކަށް ބޯހިޔާވަހިކަމާއި ކާބޯތަކެތި ސަރުކާރުން ފޯރުކޮށްދީފައިވެއެވެ.

ނަމަވެސް އެ މަސައްކަތް ސަރުކާރުން މިދިޔަ އޯގަސްޓު މަހުން ފެށިގެން ހުއްޓާލިއިރު، މާލޭގައި މަގުމަތިވާ މީހުންގެ އަދަދު އަނެއްކާވެސް ގިނަވަމުންދާތީ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.