Last Updated: April 19, 06:56
Friday, April 19, 2024
ޚަބަރު

ގާނޫނު ތަންފީޒުވެއްޖެނަމަ ނަޝީދު 1000 އަހަރަށް ޖަލަށްލާނެ

ކުރީގެ ނައިބު ރައީސް ޖަމީލު - ފޮޓޯ: ޕީޕީއެމް

އިންތިގާލީ އިންސާފުގެ ގާނޫނު ރަނގަޅަށް ތަންފީޒުވެއްޖެނަމަ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު 1000 އަހަރަށް ޖަލުގައި ހުންނަވަން ޖެހިވަޑައިގަންނަވާނެ ކަމަށް ކުރީގެ ނައިބު ރައީސް އަދި ޕީޕީއެމްގެ އެޑްވައިޒަރު ޑރ. މުހައްމަދު ޖަމީލު ރޭ ވިދާޅުވެއްޖެއެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީން ކާނިވާ ސަރަހައްދުގައި ބޭއްވި "ވިސްނާ" ޖަލްސާގައި ވާހަކަދައްކަވަމުން ޖަމީލު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން އެންމެ ފަހުން ފާސްކުރި އިންތިގާލީ އިންސާފުގެ ގާނޫނަކީ އެމްޑީޕީގެ އަމިއްލަ ކަރަށް މަހައިލި މަޅިއެއް ކަމަށެވެ.

އެގޮތުން އެ ގާނޫނުގެ ދަށުން އެންމެ ފުރަތަމަ ބަލަން ޖެހޭނީ ސުޕްރީމް ކޯޓުގައި ތަޅު އެޅުވި މައްސަލަ އާއި 2008 ގައި ވެރިކަމަށް އައިސް އަބްދުﷲ ގާޒީ ވަގަށް ނެގި މައްސަލަ އާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން ހައްޔަރު ކުރި މައްސަލަ އާއި ފުލުހުން ގައިގައި ތަޅާނެ ކަމަށްބުނި މައްސަލައިގެ އިތުރުން ސިފައިންނަށް ގޯނާކުރި މައްސަލަ ކަމަށް ޖަމީލު ވިދާޅުވިއެވެ.

އެގޮތުން ޕީޕީއެމްގެ ވެރިކަމެއްގައި އިންތިގާލީ އިންސާފުގެ ބިލް ފުރިހަމައަށް ތަންފީޒު ކުރާނެ ކަމަށާއި އޭރުން ކުރީގެ ރައީސް ނަޝީދު 1000 އަހަރަށް ޖަލުގައި ހުންނަވަން ޖެހޭނެ ކަމަށް ޖަމީލު ވިދާޅުވިއެވެ.

"ކުރީގައި އަޅުގަނޑުމެން ބުނަމުން އައީ ދިގު މުއްދަތަކަށޭ ޖަލަށް ދާނީ. އަޅުގަނޑު ހިތާމައާއެކު ދަންނަވާލަން ބޭނުންވޭ އިންތިގާލީ އިންސާފުގެ ބިލް ރަނގަޅަށް ތަންފީޒުވެގެން ހިނގައްޖެ ކަމުގައިވާނަމަ ރައީސް ނަޝީދު، އެއްވެސް ޝައްކެއް ނެތް ގޮތުގައި 1000 އަހަރު ޖަލުގައި އޮންނާނެ" ޖަމީލު ވިދާޅުވިއެވެ.

މަޖިލީހުން ފާސްކުރި އިންތިޤާލީ އިންސާފުގެ ޤާނޫނަކީ، 1953 ޖަނަވަރީ 1 އިން ފެށިގެން 2018 ނޮވެންބަރު 17 އާ ދެމެދު ހިނގާދިޔަ މުއްދަތުގެ ތެރޭގައި ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއަކު، ރައްޔިތުންގެ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފަށް ހިންގާފައިވާ ޢަމަލުތައް ބަލައި، ތަޙްޤީޤުކޮށް، ޙަޤީޤަތް ހާމަކޮށް، އެފަދަ ކަންކަމުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް މި ޤާނޫނުގެ ދަށުން ފޯރުކޮށްދޭ ޙައްލުތައް މެދުވެރިކޮށް އިންސާފު ހޯދައިދިނުމުގެ ނިޒާމެއް އެކަށައެޅުމުގެ ޤާނޫނެވެ.