Last Updated: March 29, 17:30
Friday, March 29, 2024
ޚަބަރު

އާ ގާނޫނުން ފުލުހުންނަށް އޮތީ އުއްމީދީ ކުރިމަގެއް: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު - ފޮޓޯ: މަޖިލިސް

ފުލުހުންގެ ގާނޫނުން އެ މުއައްސަސާގައި ވަޒީފާ އަދާކުރާ ފަރާތްތަކަށް އޮތީ އުއްމީދީ ކުރިމަގެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުން ފާސްކުރި ފުލުހުންގެ ގާނޫނު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވަނީ ތަސްދީގު ކުރައްވާފައެވެ. މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައި ވަނީ މި ޤާނޫނު ތަޞްދީޤުކޮށް، ގެޒެޓުގައި ޝާއިޢުކުރައްވާތާ ތިން މަސްދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ.

އެ ގާނޫނު ރައީސް ތަސްދީގު ކުރެއްވުމާ ގުޅިގެން ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުލުހުންގެ ބިލުގައި ހުރި އިސްލާހުތަކަކީ ފުލުހުންގެ އެތައް ބަޔަކާއި، އެ މުއައްސަސާ އާއި އަދި އެތައް ދިވެހި ރައްޔިތުންނެއް ނުހަނު އެދި ތިބި އިސްލާހުތަކެއް ކަމަށެވެ.

"މިކަމުން ދިވެހި ފުލުހުންނަށް އޮތީ އުއްމީދީ ކުރިމަގެއް" ނަޝީދު ވިދާޅުވިއެވެ.

މި ޤާނޫނުގައި ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މައިގަނޑު އަސާސްތަކާއި އުސޫލުތަކާއި، ފުލުހުންގެ ޚިދުމަތުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި، ބާރުތަކާއި، އެ ޚިދުމަތާގުޅޭ އެނޫންވެސް ކަންކަން ބަޔާންކޮށްފައިވެއެވެ.

މި ބިލުގެ މަޤްޞަދުތަކުގެ ތެރޭގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންމެހައި ކަންކަމަކީ ޤާނޫނުއަސާސީއާއި، ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ދުސްތޫރީ ހަމަތަކާއި، އިންސާނީ ޙައްޤުތަކާއި ކަރާމަތަށް އިޙްތިރާމުކުރުމާއެކު ޤާނޫނުގެ ހުކޫމަތުގެ ތެރެއިން ދެވޭ ޚިދުމަތެއްކަން ކަށަވަރުކުރުމާއި، ވަކިފަރާތަކަށް ޖެހުމެއްނެތި، އަދި ވަކި ނުފޫޒަކަށް ލެނބުމެއްނެތި، ހަމަހަމަކަމާއެކު ޤާނޫނު ނަގަހައްޓައި އަދި ތަންފީޛުކުރުމާއި، އަމަންޢާންމާއި، ދާޚިލީ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ފުލުހުން ކުރަންޖެހޭ ކަންކަން ކުރުމުގެ ޤާނޫނީ ބާރާއި އިޚްތިޔާރު ފުލުހުންނަށް ފޯރުކޮށްދިނުން ހިމެނެއެވެ.

މީގެއިތުރުން ފުލުހުންގެ ބިލުގައި ވަނީ ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ޕޮލިސް ބޯޑު، ގާނޫނަށް އަމަލުކުރަން ފަށާތާ 14 ދުވަހުގެ ތެރޭގައި އެކުލަވާލަން ޖެހޭނެ ކަމަށް ބުނެފައެވެ. ޕޮލިސް ބޯޑް އެކުލެވިގެންވަނީ 7 މެމްބަރުންގެ މައްޗަށެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ 2 މެމްބަރުންނާއި ފަންނީ ދާއިރާއަކުން ތައުލީމާއި ތަޖުރިބާ ލިބިފައިވާ 3 މީހުންގެ އިތުރުން އާންމު ރައްޔިތުންގެ ތެރެއިން ކުރިމަތިލާ 2 މީހުންނެވެ.

ޕޮލިސް ބޯޑަށް މެމްބަރުން އައްޔަނުކުރާ ދުވަހުން ފެށިގެން 4 މަސް ދުވަހުގެ ތެރޭގައި ދިވެހި ފުލުހުންގެ ޚިދުމަތުގައި ތިބި އޮފިސަރުންގެ ތެރެއިން ކޮމިޝަނަރ އޮފް ޕޮލިސް ފިޔަވައި ސްޕްރިންޑެންޓުން ޕޮލިސް އިން ފެށިގެން މަތީ ރޭންކުގެ ކޮމިޝަން އޮފިސަރުންގެ ތެރެއިން އެކިއެކި ތުހުމަތުކުރެވޭ ފުލުހުންނާ މެދު ގޮތެއް ކަނޑައަޅަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.