މަތި މައްޗަށް ދައުވާ ކުރި ނަމަވެސް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ފަހަތަށް ނުޖެހޭނެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނެފިއެވެ.
އިދިކޮޅު ކޯލިޝަނުން މިހެން ބުނެފައިމިވަނީ ހަޑިހުތުރު އެއްޗެއް ކިއުމާއި ހަޑިހުތުރު ބަސް ބޭނުން ކުރިކަމަށް ބުނެ ދައުލަތުގެ ފަރާތުން އަދުރޭއާ ދެކޮޅަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައެއްގެ އަޑުއެހުމެއް އެކޯޓުގައި މިމަހުގެ 31 ވަނަ ދުވަހަށް ތާވަލުކުރުމާ ގުޅިގެންނެވެ.
އެކަމާ ގުޅިގެން އިދިކޮޅުން ނެރުނު ބަޔާނެއްގައި ބުނީ އެ ކޯލިޝަންގެ ލީޑަރޝިޕްގައި ހިމެނިވަޑައިގަންވާ ބޭފުޅުންނާއި ކޯލިޝަނަށް ނިސްބަތްވެވަޑައިގަންވާ ބޭފުޅުންނާ ގުޅޭ ގޮތުން ތަފާތު ވައްތަރުގެ މައްސަލަތައް އުފައްދާ ދައުވާ ކުރުމަށް ކޯޓުތަކަށް ހުށަހަޅަމުން ގެންދަނީ މިސަރުކާރު ބަލިކަށިވެ ރައްޔިތުންގެ ތާއީދު ގެއްލި ރައްޔިތުންގެ ނަފްރަތު އިތުރުވެ ހަދާނެ ނަހަދާނެ ގޮތެއް ނޭނގޭ ހިސާބަށް ކަންކަން ދިއުމުން ކަމަށެވެ.
"މިވަގުތު ޖުޑީޝަރީގައި އޮތް ސަރުކާރުގެ މެޖޯރިޓީ ބޭނުންކޮށްގެން ކޯޓުތަކަށް ސިޔާސީ ނުފޫޒު ފޯރުވައިގެން މިކޯލިޝަންގެ ވެރިންނާއި ޢާންމު މެންބަރުންނަށް ތަފާތު ދައުވާތައްކޮށް ޙުކުމް ކުރުމުގެ މަސައްކަތްތައް ސަރުކާރުން ކުރިއަށް ގެންދަނީ، ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި މިކޯލިޝަނަށް ލިބިގެންދާނެ ބޮޑު ކާމިޔާބީ ތަޞައްވުރު ކުރެވޭތީ މިކޯލިޝަން ބަލިކަށިކޮށް ބައިބައިކުރުމުގެ މަޤްޞަދުގައި" އިދިކޮޅުން ބުންޏެވެ.
އަދުރޭ އަކީ ސިޔާސީ ގޮތުން ދައްކާހާ ބިރަކަށް ފަހަތަށް ޖެހިވަޑައިގަންނަވާނެ ބޭފުޅެއް ނޫން ކަމަށާއި މަތި މައްޗަށް ދައުވާ ކުރެއްވިނަމަވެސް އަދުރޭ ސިޔާސީ މަސައްކަތް ހުއްޓަވާ ނުލައްވައި ކުރިއަށް ވަޑައިގަންނަވާނީ ސާބިތުކަމާއެކު ކަމަށްވެސް ބުނެފައިވެއެވެ.
"ހަމައެގޮތުގެ މަތިން މިކޯލިޝަނަށް ނިސްބަތްވެވަޑައިގަންނަވާ އެއްވެސް ބޭފުޅަކީ ސަރުކާރުން ދައްކާ ބިރަކަށް ފަސް ޖެހޭނެ ބައެއް ނޫން. އަދި އެއްވެސް ފަސްޖެހުމެއް ނެތި، މިކޯލިޝަނުން އެންމެ އިސްކަމެއް ދީގެން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިނިވަން ކުރުމަށާއި އަދި ކުރިއަށް ހުރި އިންތިޚާބުތައް ކާމިޔާބު ކުރުމަށް ކުރަމުން ގެންދާ މަސައްކަތްތަކުގައި މި ކޯލިޝަން ނުކުންނާނީ ކުރިއަށްވުރެވެސް ވަރުގަދަކޮށް ކަމުގައި ސަރުކާރަށް ދަންނަވަން" އެ ބަޔާނުގައިވެއެވެ.
މީގެއިތުރުން އިދިކޮޅުން ވަނީ ރައްޔިތުންގެ ތާއީދު ކޯލިޝަނަށާއި ރައީސް ޢަބްދުﷲ ޔާމީނާށް އޮތް މިންވަރު ސަރުކާރަށް ދައްކާނީ މާތްﷲ ގެ އިރާދަފުޅާއެކު ވޯޓު ފޮށިން ކަމަށްވެސް ބުނެފައެވެ.